17 Aug 2015, 11:14
މިއަންނަ މަހު 15 ވަނަ ދުވަހު އައްޑޫ ސީޓީ އާއި ހދ. ކުޅުދުއްފުށީގައި ބާއްވާ ޕްރެޒިޑެންޓް ކަޕްގައި ވަދަކުރާ ޓީމްތަކުގެ ކުޅުންތެރިންގެ ތެރެއިން ވަޒީފާގައި އުޅޭ ކުޅުންތެރިންނަށް ޗުއްޓީދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްއިން ބުނެފި އެވެ.
ސަންއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ކުޅުންތެރިންގެ ތެރެއިން ވަޒީފާގައި އުޅޭ ކުޅުންތެރިންނަށް ޗުއްޓީ ލިބޭނެ ގޮތަށް ހަމަޖައްސަވައި ދެއްވާނެ ކަމަށް ޔޫތު މިނިސްޓްރީ އިން ބުނެފައިވާ ކަމަށެވެ.
"ޔޫތު މިނިސްޓްރީ އިން އަޅުގަނޑުމެންނަށް ޔަގީން ކަން ދެއްވަފައި އެބައޮތް ވަޒީފާގައި އުޅޭ ކުޅުންތެރިންނަށް ލީވް ލިބޭނެކަން. އެހެންވެ އަޅުގަނޑުމެން ޓީމްތަކަށް އަންގައިފައި ވާނީ އެޓީމްތަކުގައި ވަޒީފަގައި އުޅޭ ކުޅުންތެރިންގެ ލިސްޓް ފޮނުވައިދެއްވާށޭ،" ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ ސަރުކާރު ސެކްޓަރާއި ޕްރައިވެޓް ސެކްޓާގެ ވަޒީފާތަކުގައި އުޅޭ ކުޅުންތެރިންނަށް ވެސް ޗުއްޓީ ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ޔޫތު މިނިސްޓްރީ އިން ބުނެފައިވާ ކަމަށެވެ.
މިއަހަރުގެ ޕްރެޒިޑެންޓް ކަޕްގައި ފުރަތަމަ ޑިވިޝަންގެ އަށް ޓީމް ވަދަކުރާ އިރު އަންނަ މަހުގެ 15 ވަނަ ދުވަހު ފަށާ މުބާރާތް ނިމެނީ 29 ވަނަ ދުވަހު އެވެ.
ދެ ގުރޫޕަކަށް ބަހައިލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތުގެ ގުރޫޕް ސްޓޭޖް މެޗްތައް ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައި ކުޅޭއިރު މުބާރަތުގެ ސެމީފައިނަލް ދެ މެޗާއި ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ.