ކުއްލިއްޔާގެ އަމީދު އިބްރާހިމް ރަޝީދު މުސާ ކޮލެޖް ހިންގާ ގޮތުން ދަރިވަރުން އިސްލާމް ދީނާ މެދު ނަފްރަތު އުފެދިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ކުއްލިއްޔާގެ ވައިސް ރެކްޓާގެ މަގާމުން އިސްތިއުފާ ދެއްވި އަބްދުލް މުއީޒް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ކުއްލިއްޔާގެ ދަރިވަރުންނާ މެދު ތަފާތުތަކެއް ގެންގުޅުމާއި އިމްތިހާންތަކުގައި ދަރިވަރުންނަށް އޮޅުވާލުމާއި މަކަރުހެދުން އިތުރުވެފައިވާ ކަމަށް ބުނެ، ކުއްލިއްޔާގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ދަރުބާރުގޭ ފަންސަވީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުލް މުއިޒް ވިދާޅުވީ ކުއްލިއްޔާގެ އަމީދު އިބްރާހިމް ރަޝީދު މޫސާ އަމަލް ކުރައްވާ ގޮތުން ބައެއް ދަރިވަރުންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށެވެ. އަދި މުދީރުގެ އަމަލްތަކާ މެދު ކަންބޮޑުވުން ފާޅުކުރާ ދަރިވަރުންނާ މެދު ފިޔަވަޅުއަޅައި ބައެއް އިމްތިހާންތަކުން އެ ދަރިވަރުން ފެއިލްކޮށްފައިވާ ކަމަށް އަބްދުލް މުއިޒް ތުހުމަތު ކުރެއްވި އެވެ.

"ކޮލެޖް [މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން] ދަށުގައި ކުއްލިއްޔާ ހިންގި އިރު 40 ދަރިވަރަކު މާއްދާތަކުން ކުރި ހޯދާފައިވާތީ ކޮލެޖުން ކުއްލިއްޔާ އަށް މެމޯއެއް ފޮނުވި. ނަމަވެސް އެ ދަރިވަރުންނަށް މަތީ ފުރުސަތު ނޫދޭން ކުރެވެން އޮތް ހުރިހައިކަމެއް ކުއްލިއްޔާއިން ކުރި. އެކުދިންނަށް ވެސް އަޅުގަނޑަށް ވެސް ކުއްލިއްޔާ އިން ބިރުދެއްކި. އަދި އެކަމާ ގުޅިގެން ކުއްލިއްޔާގެ އަމީދު އަޅުގަނޑަށް ލިޔުމަކުން އިންޒާރު ވެސް ދެއްވި." ދިގު މުއްދަތެއްގައި ކުއްލިއްޔާގެ އެކި މަގާމްތަކުގައި ހިދުމަތް ކުރެއްވި އަބްދުލް މުއިޒް ވިދާޅުވި އެވެ.

ކުއްލިއްޔާގެ ކަންތައްތައް މިއަދު ބޮއްސުންލާފައިވާ ގޮތުން ދަރިވަރުން އިސްލާމްދީނާ މެދު ނަފްރަތު އުފެދިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ވިދާޅުވެ އަބްދުލްމުއިޒް ވިދާޅުވީ ކުއްލިއްޔާގެ ހާލަތު ދެން ރަގަނޅު ކުރެވޭނީ އިބްރާހިމް ރަޝީދު މުސާ ކުއްލިއްޔާ އިން ވަކިކޮށްގެން ކަމަށެވެ.

ފަންސަވީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުއްލިއްޔާގެ ދަރިވަރުންގެ ތެރެއިން އަލީ ސައިދު މިއަދު ވިދާޅުވީ ކުއްލިއްޔާގެ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކުގެ ޝަކުވާ އެތައް ފަހަރެއްގެ މަތިން އެޑިއުކޭޝަން މިނިސްޓްރީ އަށާއި ރައީސް އޮފީހަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެކަމުގައި އަލިމަލެއް އަދި ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެނަށް އިރުއަރަނީ އެޑިއުކޭޝަން މިނިސްޓްރީގެ ތެރެއިން ނުވަތަ ރައީސް އޮފީސްގެ ތެރެއިން. ޝަކުވާތައް އަޅުގަނޑުމެން ހުށަހަޅަން. އެކަމަކު އަލި އަލިމަގެއް ނުލިބޭ."

ކުއްލިއްޔާ އަށް ގެންނަން ބޭނުންވާ ބަދަލު ގެނައުމުގައި އެ ކޮލެޖްގެ އެއްވެސް ދަރިވަރަކު ފަސްނުޖެހޭނެ ކަމަށާއި އެ މައްސަލަތައް ހައްލު ކުރެވެންދެން ދަރިވަރުން އެޝަކުވާތައް އުފުލުމުގައި ދެމިތިބޭނެ ކަމަށް އޭނާ ބުންޏެވެ.
އިބްރާހިމް ރަޝީދު މުސާ ކުއްލިއްޔާ ހިންގުމުގައި ދޯދިޔާ ސިޔާސަތުތަކެއް ގެންގުޅުއްވާ ކަމަށް ދަރިވަރުން ދައްކާ ވާހަކަ ފެންމަތިވުމާ ގުޅިގެން އޭނާ އަށް މިއަދު ގުޅާލުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.