އިސްލާމް އާބާދު (އޮގަސްޓް 17) : ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ހަމީދު ގުލް ކުއްލި އާލާސްކަންފުޅެއްގައި އަވަހާރަވެއްޖެ އެވެ.

އުމުރުން 79 އަހަރުގެ ގުލް އަވަހާރަވީ ސިކުނޑީގެ ނާޅެއް ފަޅައިގެން ސިކުނޑީގެ އެތެރެއަށް ލޭއެޅިގެންކަމަށް ޑޮކްޓަރުން ބުނެ އެވެ. ހަމީދު އަވަހާރަވީ އިސްލާމް އާބާދުގެ އިރުއުތުރުގައިވާ މޯރީ ސިޓީގައި ހުންނަ ހޮސްޕިޓަލެއްގައި ފަރުވާދެމުން ގެންދަނިކޮށެވެ.
ޖެނެރަލް ރިޓަޔަޑް ހަމީދު ގުލް ޕާކިސްތާން ސިފައިންގެ ކުރީގެ ޖެނެރަލެއް ވެސްމެ އެވެ. އޭނާ ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ވެރިކަމުގައި ހުންނެވީ 1987 ން 1989 އަށެވެ. ހަމީދަކީ އެމެރިކާއާއި އިންޑިޔާއާމެދު ވަރަށް ފާރަވެރި އަދި އެދެގައުމާ މުޢާމަލާތް ކުރުމުގައި ދޫނުދެއްވާ "ހަރުކަށި" ބޭފުޅެއްގެ ގޮތުގައި ސިފަކުރެވޭ ދީނީ އަދި ގައުމީ ވިސްނުމުގެ ވަރުގަދަ ޝަޚްސިއްޔަތެކެވެ. ހަމީދަކީ ދީނީގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ޕާކިސްތާނުގެ ބައެއް ޖަމާއަތްތަކާވެސް ގުޅުންބޮޑު ބޭފުޅެއްކަމަށް ވަނީ ސިފަކުރެވިފަ އެވެ. ނަމަވެސް މިގުޅުންތައް އޭނާގެ ދުވަސްވަރު އެފަދަ ޖަމާއަތްތަކާ އެކު ޕާކިސްތާނުގެ ޖާސޫސީ އިދާރާއިން ބާއްވަމުން ގެންދިޔައީ ޕާކިސްތާނުގެ ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގެ ބޭނުމުގަ އެވެ.
މިގޮތުން ގުލްވަނީ ކަޝްމީރުގެ މިނިވަންކަމަށް ޓަކައި އިންޑިޔާއާ ދެކޮޅަށް ހަނގުރާމަކުރާ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކަށާއި ހުޅަނގުގެ ބާރުތަކާ ދެކޮޅަށް ހަނގުރާމަކުރާ އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތަށް ތާއީދުކުރައްވާކަން ފާޅުގައި ހާމަކުރައްވާފަ އެވެ. އެހެންކަމުން ހަމީދަކީ އިސްލާމް ދީނަށް ލޯބިކުރައްވާ އަދި އެދީނަށް ނަސްރު ދެއްވުމުގައި ހުޅަނގުގެ ބާރުތަކާއި އިންޑިޔާފަދަ ގައުމުތަކުގެ މަލާމާތަކަށް ނޫނީ ބިރުދެއްކުމަކަށް ޖެހިލުންވެ ވަޑައިނުގަންނަވާ ބޭފުޅެއްގެ ގޮތުގައި އޭނާގެ ސަޕޯޓަރުން ސިފަކުރައްވާ ބޭފުޅެކެވެ. 1992 ވަނަ އަހަރު ޖެނެރަލް ގުލްވަނީ ޕާކިސްތާނުގައި ހަމަނުޖެހުން އުފެއްދުމަށް ފަރުދާގެ އަނެއް ފަރާތުގައި މަސައްކަތް ކުރަނީ އެމެރިކާ އާއި އިންޑިޔާ ކަމަށް ފާޅުގައި ތުހުމަތު ކުރައްވާފައެވެ. އަދި 2010 ގައި ހަމީދުވަނީ އެމެރިކާއާއި އަފްޣާނިސްތާނުގެ އޭރުގެ ރައީސް ހާމިދު ކަރުޒާއި އަކީ މާޒީ ކަމަށާ އެގައުމުގެ މުސްތަގްބަލް އޮތީ ތާލިބާނުންގެ އަތްމަތީގައި ކަމަށް ވިދާޅުވެ ތާލިބާނުން އެމެރިކާގެ އިސްތިޢްމާރާ ދެކޮޅަށް ކުރާ ހަނގުރާމައަށް ފާޅުގައި ތާއީދުކުރައްވާފަ އެވެ.
ޕާކިސްތާނުގެ ޖާސޫސީ އިދާރާއަކީ އެގައުމުގައި ދީނީ ހަރުކަށި ވިސްނުން ގެންގުޅޭ ތާލިބާނުންފަދަ ޖަމާއަތްތަކާއެކު ވެސް ސިއްރު ގުޅުންތައް ބާއްވައިގެން އެޖަމާއަތްތަކުގެ މެންބަރުންގެ ކިބާގައިވާ ޖިހާދުގެ ރޫޙު ޕާކިސްތާނުގެ ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި ބޭނުންކުރަމުން ގެންދާ މުއައްސަސާއެކެވެ. މިކަން އެމުއައްސަސާއަށް ތައާރަފް ކޮށްދެއްވާފައިވަނީ ހަމީދުގުލް އެވެ. ގުލްގެ ދުވަސްވަރު ޕާކިސްތާނުގެ ޖާސޫސީ އިދާރާއިންވަނީ ޕާކިސްތާނުގައި ދީނީ ހަރުކަށި ޚިޔާލުތައް ގެންގުޅޭ ޖަމާއަތްތަކުގެ ބޭނުން އިންޑިޔާއާ ދެކޮޅަށް ވަރަށް ބޮޑަށް ހިފާފައެވެ. ހަމީދަށްފަހު އަދި މިއަދާ ޖެހެންދެން ވެސް ޕާކިސްތާނުގެ ޖާސޫސީ އިދާރާއިން ގައުމީ މަސްލަހަތަށްޓަކައި މިކަން ކުރަމުން ގެންދާކަމަށްވެއެވެ.
ހަމީދުގުލް ވަނީ ޕާކިސްތާނުގެ ތާލިބާނުންގެ ތެރޭގައި ރަނގަނޅު ތާލިބާނުންނާއި ގޯސް ތާލިބާނުން ތިބޭކަމަށް ވިދާޅުވެފަ އެވެ. ރަނގަނޅު ތާލިބާނުންނަކީ އެމީހުންގެ ދީނީ ޖިހާދުގެ ރޫޙު އިންޑިޔާއާ އަދި އެމެރިކާއާ ދެކޮޅަށް ހަތިޔާރުއުފުލައި ޖިހާދުކުރާ ތާލިބާނުންނެވެ. ގޯސް ތާލިބާނުންނަކީ ޕާކިސްތާނުގެ އެތެރޭގައި ބޮންގޮއްވައި ޕާކިސްތާނުގެ އާންމުންނާއި ޕާކިސްތާނުގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާތައްދީ ގައުމުގެ ހަލާކަށް މަސައްކަތްކުރާ ތާލިބާނުންކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.