އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯދުމަށް މަސައްކަތް ކުރައްވަމުން އަންނަ އެމެރިކާގެ ވިޔަފާރިވެރިއާ ޑޮނަލްޑް ޓްރަމްޕް އިންތިޚާބު ކާމިޔާބުކުރެއްވުމަށް އެއް ބިލިއަން ޑޮލަރު ޚަރަދު ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އޭނާ އަށް އަހަރެއްގެ މައްޗަށް 400 މިލިއަން ޑޮލަރު ލިބޭ ކަމަށާއި އެހެންކަމުން އޭނާ ޚަރަދުކުރައްވާ ވަރު އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށެވެ.

އެއް ބިލިއަން ޑޮލަރު އިންތިޚާބަށް ޚަރަދުކުރައްވަފާނެތޯ ނޫސްވެރިއަކު ސުވާލުކުުރުމުން ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ "ޚަރަދުކުރަންޖެހިއްޖެއްޔާ ޚަރަދު ކުރާނަން" ކަމަށެވެ.

ޓްރަމްޕް އިންތިޚާބަށް ޚަރަދުކުރައްވަމުން ގެންދަވަނީ އަމިއްލަ ފައިސާ އެވެ. އަދި އެބޭފުޅާގެ ކެމްޕޭނަށް ފަންޑްކުރުމަށް ހެޔޮއެދޭ ފަރާތަކުން ދޭން މަސައްކަތްކުރި ފަސް މިލިއަން ޑޮލަރު ބޭނުންނުވާ ކަމަށް ވިދާޅުވެފައިވާ ކަަމަށެވެ.

ޑޮނަލްޑް ޓްރަމްޕްގެ މިލްކިއްޔާތުގައި 10 ބިލިއަން ޑޮލަރު ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކެންޑިޑޭޓުންނަށް ފާޑުވިދާޅުވަމުން ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ކެމްޕޭނަށް އެހެންމީހުންގެ ފައިސާ ހޯދުމުން އެެ މީހުންގެ 'ޕަޕެޓުންނަށް' ވާނެ ކަމަށެވެ.

އަންނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯދުމަށް 18 ކެންޑިޑޭޓަކު ދަނީ މަސައްކަތްކުރައްވަމުންނެވެ.