17 Aug 2015, 10:14
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރައްޔިތުންގެ މަޖިލީހަށް ހާއްސަކޮށްގެން "މަޖިލިސް ޗެނަލް" އެއް މިއަދު ލޯންޗުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހާއްސަކޮށްގެން ޕީއެސްއެމުން ލޯންޗު ކުރި ޗެނަލް މީޑިއާ ނެޓު ބޭނުން ކުރައްވާ ފަރާތްތަކަށް ވެސް ފެންނާނެ އެވެ. އެ ޗެނަލް ފެންނާނީ މީޑިއާ ނެޓުގެ "123" އިންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމަށް ފަހު މަޖިލީހުގެ ރިއާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކަކީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ ވަރަށް "މުރާލި" ފަރާތްތަކެއް ކަމަށެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މަޖިލިސް މި ނަމުގައި އިފްތިތާހުވެގެން މިއަދުގެ މިވަގުތު މަޖިލީހުގެ ޖަލްސާތައް ލައިވް ކުރަމުން އެބަދޭ. މި ޗެނަލަކީ ރައްޔިތުންގެ މަޖިލީހަށް ހާއްސަކޮށްގެން ޕަބްލިކް ސާވިސް މީޑިއާ އިން ގެނެސްދޭ ޗެނަލެއް ކަމަށް އެނގިފައިވޭ،" މަސީހު ވިދާޅުވި އެވެ.
މަސީހު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަމިއްލަ އެހެން މީޑިއާތަކުން ގެނެސްދެމުން ދާތީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
މަސީހުގެ ވާހަކަފުޅުގައި ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާގައި މީޑިއާއިން އަދާކުރަމުންދާ އަގުހުރި ދައުރު ވަނީ ފާހަގަކުރައްވާފަ އެވެ.