17 Aug 2015, 09:59
މިހާރު ކުރަމުންދާ ވިއްސާރައާ އެކު މާލޭގައި ފެންބޮޑުވެ ހިނގާބިނގާވެ އުޅުމަށާއި ދުއްވުމުމަށް ދަތިތަކާއި ކުރިމަތިވެއްޖެ އެވެ.
މިއަދު 9:00 އެހާކަންހާއިރުން ފެށިގެން ވަރަށް ބޯކޮށް ވެހެން ފެށިވާރޭގައި ކުޑަވަގުތު ކޮޅެއްގެ ތެރޭގައި މާލޭގެ ގިނަ މަގުތަކެއްގައި ވަނީ ފެންބޮޑުވެފަ އެވެ.
އަމީނީމަގުގެ ބޮޑު ސަރަހައްދަކާއި ބުރުޒުމަގާއި މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންހެދިފަ އެވެ. ގިނަ ޕޭމަންޓުތަކުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ. އަދި މަގުތަކުގައި ފެންހެދިފައިވާލެއް ބޮޑުކަމުން ސައިކަލާއި ކާރު ފަދަ އުޅަނދުތައް ދުއްވުމަށް ވަނީ ބޮޑެތި ދަތިތައް ކުރިމަތިވެފަ އެވެ.
މިއަދު ކުރި ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި، ހިނގާބިނގާ އުޅުމަށް މީހުންނަށް ވަނީ ދަތިތަކާއި ކުރިމަތިވެފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ
މެޓު އޮފީހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ.
މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
ރާއްޖޭގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެތީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.