17 Aug 2015, 01:08
އިނގިރޭސި ޕްރިމިއަ ލީގު ޗެމްޕިއަން ޗެލްސީ 3-0 ލަނޑުގެ ތަފާތުބޮޑު ނަތީޖާއަކުން މެންޗެސްޓާ ސިޓީއަތުން ބަލިވެއްޖެ އެވެ.
މިއީ ހޯޒޭ މޮރީނިއޯގެ ކޯޗު ކަމުގައި މެންޗެސްޓާގެ ކްލަބެއް އަތުން އެއްލަނޑަށް ވުރެ ބޮޑު ތަފާތަކުން ޗެލްސީ ބަލިވި ފުރަތަމަ ފަހަރެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު ޕްރިމިއަ ލީގު މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު 31 ވަނަ މިނިޓްގައި ޖަހައިދިނީ ސާޖިއޯ އަގުއެރޯއެވެ. ލަނޑުޖެހުމުގެ ކުރީންވެސް އަގުއެރޯ ވަނީ ޗެލްސީގެ ގޯލަށް ނުރައްކާތެރި ތިންވަރަކަށް ހަމަލާ ފޮނުވާލައިފައެވެ. އެހެން ނަމަވެސް ސްޓޯކް ސިޓީން މި ސީޒަނަށް ޗެލްސީއާ ގުޅުނު ބޮސްނިއާ ގޯލް ކީޕަރު އަސްމިރު ބެގޮވިޗް ވަނީ އެ ހަމަލާތައް މަތަކޮށްފައެވެ.
އެއް ލަނޑުގެ ލީޑަކާއެކު ދެވަނަ ހާފުގެ ކުޅުންފަށައިގެން،މެޗުގެ 79 ވަނަ މިނިޓްގައި ސިޓީގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ކެޕްޓަން ވިސެންޓް ކޮމްޕެނީއެވެ. ޑޭވިޑް ސިލްވާ ނަގައިދިން ކޯނަރަކުން ކޮމްޕެނީ ލަނޑު ކާމިޔާބުކުރީ ބޮލުންޖަހައި ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މިއީ 2013 ވަނަ އަހަރަށްފަހު، ސިޓީގެ ޑިފެންޑަރު ޖެހިޖެހިގެން ޕްރިމިއަ ލީގު ދެމެޗެއްގައި ލަނޑު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ސިޓީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް އެޓީމުގެ ބްރެޒިލިއަން މިޑްފީލްޑަރު ފެނާންޑީނިއޯއެވެ.
މިދިޔަ ސީޒަންގައި ސިޓީގެ އަގުބޮޑު ސްކޮޑާއެކު ކޯޗު މެނުއަލް ޕެލެގްރިނީއަށް ހިތްހަމަޖެހޭފަދަ ނަތީޖާއެއް ނުނެރެވުނު ނަމަވެސް، އިއްތިހާދު ސްޓޭޑިއަމަށް ވަދެތިބި 54,331 ސަޕޯޓަރުންގެ ކުރިމަތީގައި އޭނާގެ ޓީމުން ވަނީ، ޗެލްސީއަށް ލީގު ދިފާއުކުރުމަކީ ފަސޭހަކަމަކަށް ނުވާނޭކަން ހާމަކޮށްދީފައެވެ.
ލީގުގައި މި ދެ ޓީމުން ވެސް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، ދެމެޗުން ވެސް މޮޅުވެ ސިޓީވަނީ 6 ޕޮއިންޓް ފައިދާ 6 ލަނޑާއެކު ތާވަލްގެ އެއްވަނަ ހޯދައިފައެވެ. ހަޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައި ލެސްޓާ ސިޓީ އޮތްއިރު، ހަމަ އެ އަދަދަށް ޕޮއިންޓް ލިބި ލަނޑުގެ ތަފާތުން ތާވަލްގެ ތިންވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ޗެލްސީ އޮތީ ދެމެޗު ކުޅެގެން ލިބުނު އެންމެ ޕޮއިންޓަކާއެކު ތާވަލުގެ 16 ވަނައިގައެވެ.
މިމެޗުގެ ދެވަނަހާފަށް ޗެލްސީ ނުކުތްއިރު އެޓީމުގެ ކެޕްޓަން ޖޯންޓެރީގެ ބަދަލުގައި ކާޓް ޒޫމާ ވަނީ ކުޅެން ނެރެފައެވެ. މިއީ 2013 ވަނަ އަހަރުގެ ފަހުން ޕްރިމިއަ ލީގު މެޗެއްގައި ޓެރީ ބަދަލުކުރި ފުރަތަމަ ފަހަރެވެ. އަދި މޮރީނިއޯގެ ކޯޗްކަމުގައި ޓެރީ ބަދަލުގައި އެހެންކުޅުންތެރިއަކު ނެރުނު ފުރަތަމަ ފަހަރުވެސްމެއެވެ.
ޗެލްސީއަށް މީގެ ކުރީން ޕްރިމިއަލީގުގެ ފުރަތަމަ ދެ މެޗު ކާމިޔާބު ނުކުރެވިފައި ވަނީ 1198-99 ސީޒަންގައެވެ.
ލީގުގައި ތިން ވަނަ ކުރިމަތިލުމަކަށް މި މަހުގެ 23 ވަނަ ދުވަހު ރަށުން ބޭރުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް ނުކުންނައިރު އެ މެޗުވެސް ޗެލްސީއަށް ފަސޭހައެއް ނުވާނެއެވެ. މިދިޔަ ސީޒަންގައި ޗެލްސީ ވަނީ 3-0 އިން ވެސްޓް ބްރޮމް އަތުން ބަލިވެފައެވެ.
މެޗާ ބެހޭގޮތުން ސިޓީގެ ކޯޗު ޕެލެގްރިނީ ބުނީ، ޗެލްސީއާ އެކު މެޗެއް ކުޅުމަކީ އަބަދުވެސް ވަރަށް އުނދަގޫ ކަމެއް ކަމަށާއި ސަބަބަކީ، އެޓީމަކީ ވަރުގަދައަށް ޑިފެންސްކޮށް ހަމަ އެހާމެ ރަނގަޅަށް ކައުންޓާގައި ހަމަލާތައް އުފައްދާ ކުލަބަކަށް ވާތީ ކަމަށެވެ.
"އެކަމަކު މިއަދު އަހަރެމެން ވަރަށް ރަނގަޅަށް ކުޅުނީން. ތިން ލަނޑު ޖެހުން އެކަންޏެއް ނޫން، ފުރަތަމަ 45 މިނިޓްގައި އެޔަށްވުރެ ގިނަލަނޑުވެސް ޖެހުނީސް،" ޗެލްސީގެ ކީޕަރު ބެގޮވިޗްގެ ހުނަރަށް ތައުރީފް ކުރަމުން ޕެލެގްރިނީ ބުންޏެވެ.
މޮރީނިއޯ ބުނީ، ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް އޭނާގެ ޓީމަށް ނުދެއްކުނު ނަމަވެސް، ދެވަނަ ހާފުގައި ޗެލްސީ ވަނީ، ފުރަތަމަ ހާފްގައި ސިޓީ ދެއްކި ކުޅުން ދައްކާފައި ކަމަށެވެ.
"އަހަރެމެން ދިޔައީ ފަހު ހާފުގައި މެޗު ޑޮމިނޭޓް ކުރަމުން. އެމީހުންނަށް އުނދަގޫތަކެއް ކުރިމަތިވި. އެގޮތުން ފަހު ހާފުގައި އަގުއެރޯގެ ބަދަލުގައި ސްޓާލިން ކުޅެން ނެރުނު. އަދި އެމީހުންގެ ދެވަނަ ލަނޑު ކާމިޔާބުކުރެވުމާ ހަމައަށްވެސް މެޗުގެ ކޮންޓްރޯލް ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރި،" ޗެލްސީއަށް ލަނޑެއް ކާމިޔާބު ނުކުރެވުނީ ސިޓީގެ ގޯލް ކީ÷ޕަރު ޖޯ ހާޓްގެ ހުޝިޔާރުކަމުންކަން ފާހަގަކުރަމުން މޮރީނިއޯ ބުންޏެވެ.