17 Aug 2015, 00:38
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ މައްޗަށް އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާއާ ގުޅިގެން ދެ ފުލުހަކު ކްރިމިނަލް ކޯޓުގައި ހެކިބަސްދީފި އެވެ.
އާދީއްތަ ދުވަހުގެ 11:45 އެހާކަންހާއިރު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން ދެ ފުލުހުން ވެސް ބުނެފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ އަލިކިލޭގެފާނު މަގާއި މަޖީދީ މަގު ގުޅޭ ސަރަހައްދުގައި ބަޔަކު މީހުން ކުރި މުޒާހަރާގައި އަމަން ބަލަހައްޓަން ތިބި ފުލުހުންގެ ސަފުތެރެއަށް ގާއުކުމާ ގުޅިގެން އެސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.
ފުލުހުން ތިން ފަހަރު އެންގުމުން ވެސް އެ ސަރަހައްދުގައި ހުރި އަލީ އާޒިމް އެތަނުން ނުދިޔުމުން އޭނާ ހައްޔަރުކުރީ ކަމަށް ހެކިބަސްދެމުން ދެ ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ދިފާއީ ހެކީންގެ ގޮތުގައި ތިން މީހެއް ހުށަހެޅިޔަސް ކޯޓުން ބަލައިގެންފައި ވަނީ އެންމެ މީހެކެވެ.
ދިފާއީ ހެކިބަސް ނަގާނެ ދުވަހެއް ކޯޓުން އާޒިމަށް އަންގާފައެއް ނުވެއެވެ. އެ މައްސަލައިގެ އަޑުއެހުން ދެން ތާވަލް ކޮށްފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ 10:00 އަށެވެ.
އެ މައްސަލައިގެ އަޑުއެހުން އާދީއްތަ ދުވަހަށް ތާވަލްކުރުމަށްފަހު ކޯޓުން ވަނީ އަޑުއެހުން ކެންސަލް ވެއްޖެކަމަށް އަލީ އާޒިމަށް ކުރިން އަންގާފައެވެ. ނަމަވެސް ކޯޓުގެ އާދީއްތަ ދުވަހުގެ ތާވަލްގައި އެ މައްސަލަ ހިމަނާފައިވާތީ އާޒިމާއި އޭނާގެ ގާނޫނީ ވަކީލު މިއަދު ކޯޓަށް ހާޒިރު ކުރުމުން މައްސަލަ މިވަނީ ބާއްވާފައެވެ.