ގައުމީ ޓީމް މެނޭޖަރުގެ މަސްއޫލިއްޔަތުވެސް ކޯޗަކަށް ހުންނަ މީހަކާ ހަވާލު ކުރުމަށް ހިޔާލު ހުށަހަަޅައި ގައުމީ ޓީމްގެ މެނޭޖަރު ކަމުން ކުރީގެ ވޮލީ ކުޅުންތެރިޔާ މުޙައްމަދު ލަޠީފް (ލަތީ) އިސްތިއުފާ ދީފިއެވެ.

އެފްއޭއެމްއަށް މިއަދު ލަތީ ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ގައުމީ ޓީމަށް ޔޫރަޕްގެ ކޯޗެއް ހުންނަނަމަ އިތުރަށް މެނޭޖަރަކު ހުރުމަކީ ޓީމަށް އެންމެ ފައިދާ ހުރި ގޮތެއް ކަމަަށް އޭނާއަށް ނުފެންނަ ކަމަށާއި ޓީމަށް އެންމެ ފައިދާ ވާނީ، އިނގިރޭސި ޕްރިމިއާ ލީގްގައި އޮންނަ ގޮތަށް ޓީމްގެ މެނޭޖަރަކީ ޓީމްގެ ހެޑް ކޯޗް ކަމުގައި ހަމަޖެއްސުންކަމަށެވެ.

އަދި ލޮޖިސްޓިކް ކަންކަމަށާއި އެހެނިހެން ކަންކަން ބެލެހެއްޓުމަށް އެފްއޭއެމްގައި ބޭފުޅަކު ހަމަޖެއްސުމަށް ވެސް ލަތީ ވަނީ ކިޔާލު ދީފައެވެ.

"އިނގިރޭސި ޕްރިމިއާ ލިގްގައި އޮންނަ ގޮތަށް ޓީމްގެ މެނޭޖަރަކީ ޓީމްގެ ހެޑް ކޯޗްކަމުގައި ހަމަޖައްސައި ޓީމަށް ބޭނުންވާ ލޮޖިސްޓިކާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކައި އެފްއޭއެމްގައި ޓީމް އެޑްމިނިސްޓްރޭޓަރެއް ނުވަތަ ޑިރެކްޓަ އޮފް ނެޝަނަލް ޓީމް ފަދަ ބޭފުޅަކު ބެހެއްޓުމެވެ." ސަންއަށް ލިބިފައިވާ ލަތީފްގެ ސިޓީގައި ބުނެފައިވެއެވެ.

އަދި އެގޮތަށް ކަނޑައަޅާ ބޭފުޅަކީ ކޮންމެހެން ޓީމާއެކު ދަތުރު ކުރަންޖެހޭ ބޭފުޅެއް ކަމުގައި ނުދެކޭކަމަށްވެސް ލަތީ ބުނެފައިވެއެވެ.

އެހެންކަމުން އެފްއޭއެމްއިން އޭނާ ހުށަހެޅި ހިޔާލު ބަލައިގަނެ އެކަމަށް އަވަސް ފިޔަވަޅު ތަކެއް އެޅުމަށް މަގުފަހި ކުރުމުގެ ގޮތުން މިއަދުން ފެށިގެން އޭނާ ގައުމީ ޓީމްގެ މެނޭޖަރުކަމުން އިސްތިއުފާ ދިނީކަމަށް ސިޓީގައި ލަތީ ބުނެފައިވެއެވެ.

ލަތީފްގެ އެސިޓީގައި އޭނާ ފުޓްބޯޅައަށް ހިދުމަތް ކުރުމުގައި ދެމި ހުންނަން ބޭނުންވާ ކަމަށް ބުނެފައިވެއެވެ.