16 Aug 2015, 21:58
ގއ. ފުނަމޯއްޑޫގައި ހިންގާ ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުގެ ފަޅުތެރޭގައި މަރުވެފައި އޮތް ބިދޭސީ މުވައްޒަފަކު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ އެމީހާ މަރުވެފައި އޮއްވައި އެ ރިސޯޓުގެ ބަޔަކަށް ފެނުނީ މިއަދު މެންދުރު ފަހު 3:30 އެހާކަންހާއިރު ކަމަށެވެ.
އޭނާ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގައެއް ނުކުރެވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ރޮބިންސަން ކްލަބް މޯލްޑިވްސްގެ އޮފިޝަލަކު ސަން އަށް މިރޭ ވިދާޅުވީ އެ ރިސޯޓުގެ ފަޅުތެރޭގައި މަރުވެފައި އޮއްވައި މިއަދު ފެނުނީ އެތަނުގެ ސެކިއުރިޓީ ގާޑަކަށް އުޅޭ ނޭޕާލުގެ މީހެއް ކަމަށެވެ.
"މިއަދު މި ރިސޯޓުގެ ލޯންޗު ރިސޯޓަށް އައިރު، ފަޅުތެރޭގައި ބަންޑުން މީހަކު އޮއްވައި ފެނިގެން ނެގި އިރު އެއީ މިތަނުގައި ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރާ ނޭޕާލުގެ ރައްޔިތުމީހާ. އޭނާގެ ނޭފަތުން އެވަގުތު ހުރީ ލޭ ފައިބަ ފައިބާ،" އޮފިޝަލް ވިދާޅުވި އެވެ.
އެމީހާ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ އެ ރިސޯޓުގައި އުޅޭ ބަނގުލަދޭޝްގެ ޑޮކްޓަރަކު ބެލުމަށް ފަހު ކަމަށް ވެސް ރިސޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.