ސްރީލަންކާގައި މާދަމާ އޮންނަ އިންތިހާބުގެ ސަލާމަތީކަންކަން ބެލުމަށް އެތައް ހާސް ފުލުހުންނެއް ނެރެފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ބުނެފި އެވެ.

ފުލުހުންގެ އިންސްޕެކްޓަރު ޖެނެރަލާ ހަވާލާދީ ލަންކާގެ އެކޮނަމީ ނެކްސްޓުން މިއަދު ބުނީ މުޅި ގައުމުގައި ބަހައްޓާގައިވާ ވޯޓް ފޮށިތައް ބެލެހެއްޓުމަށް 63،000 އޮފިސަރުން ހަރަކާތްތެރިވާނެ ކަމަށާއި ހަމަ އެއާ އެކު އެއްވެސް ހަމަނުޖެހުމެއް ހިނގައިފި ނަމަ ވަގުތުން ނުކުތުމަށް ޕެރަމިލިޓަރީ ކޮމާންޑަރުން ތައްޔާރަށް ތިބޭނެ ކަމަށެވެ.

"އިންތިހާބު އަމާން އަދި އޮމާންކޮށް ގެއްދިއުމަށް އަޅަން ޖެހޭ ހުރިހާ ފިވަޅެއް ހުންނާނީ އަޅާފައި. އަދި އިންތިހާބުގެ ވޯޓު ނެގުމަށް ފަހު ހަމަނުޖެހުން ހިނގައިފާނެ ކަމަށް ވެސް ތައްޔާރަށް ތިބޭނީ،" އިންސްޕެކްޓަރު ޖެނެރަލް ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ޕާޓީ، ޔުނައިޓެޑް ނޭޝަނަލް ޕާޓީ( ޔޫއެންޕީ) އިން މީގެ ދެ ހަފުތާ ކުރިން ބޭއްވި ކެމްޕޭން ރެލީ އަކަށް ގޮތް ނޭނގޭ ބަޔަކު ބަޑި ޖެހުމުގެ ސަބަބުން ދެ މީހަކު މަރުވެ، އެތައް ބަޔަކު ވަނީ ޒަހަމުވެފަ އެވެ.

އިންސްޕެކްޓަރު ޖެނެރަލް ވިދާޅުވީ އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މަހަކަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ ކެމްޕޭންގައި ތަފާތު އެ ނޫން ދެ ހާދިސާއެއްގައި ބަޑިޖެހުމުގެ ސަބަބުން އިތުރު ދެ މީހަކު ވަނީ މަރުވެފަ އެވެ.

އެ ދެ ހާދިސާގައި ބަޔަކު މަރުވިއަސް، ވޭތުވެ ދިޔަ 20 އަހަރު ތެރޭގައި ބޭއްވި އިންތިހާބުތަކާ އަޅައިބަލާއިރު މި ފަހަރުގެ އިންތިހާބުގައި ހިނގި ހާދިސާތައް މަދުކަމަށް މިނިވަން އޮބްޒާވަރުން ބުނެ އެވެ.

ކުރީގެ ބާރުގަދަ ރައީސް މަހިންދަ ރާޖަޕަކްސާ ފައިވިއްދާފައި ވަނީ އިންތިހާބު ކާމިޔާބުކޮށް ބޮޑުވަޒީރު ކަމާ ހަވާލުވުމަށެވެ. ނަމަވެސް އެކަން އެނގޭނީ ސިންގަޅައިން ބައިވާ ގޮތެއްގެ މައްޗަށެވެ.

ރާޖަޕަކްސާ ދެކެ ތަމަޅައިން އިންތިހާ އަށް ރުޅިއާދެ އެވެ. ނަމަވެސް އެއާ ހިލާފަށް ސިންގަޅައިންގެ ލޯބި ރާޖަޕަކްސާ ވަނީ ހޯދައިފަ އެވެ. އަދި ރާޖަޕަކްސާގެ ކެމްޕޭން ރެލީތަކުން ވެސް އެކަން ވަރަށް ރަނގަޅަށް ފެނެ އެވެ.

ރާޖަޕަކްސާގެ ޕާޓީ، ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) އިން އިންތިހާބު ކާމިޔާބު ކުރިއަސް ބޮޑުވަޒީރު ކަމުގެ މަގާމަށް އައުމުގެ ފުރުސަތު ރާޖަޕަކްްސާ އަށް ނުދެއްވާނެ ކަމަށް މިހާރުގެ ރައީސް މައިތިރި ޕާލާ ސިރިސޭނާ ވަނީ ވިދާޅުވެފަ އެވެ.

ޔޫޕީއެފްއޭގެ އޮފިޝަލް ލީޑަރަކީ ސިރިސޭނާ އެވެ. އަދި އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ސިރިސޭނާ ރާޖަޕަކްސާ އަށް ދެއްވީ ވެސް ރުހިވަޑައިނުގެން ހުންނަވައެވެ.

ލަންކާގެ އިންތިހާބުގައި 15 މިލިއަަން މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. މާދަމާ ވޯޓު ލުމަށް ފަށަނީ ހެނދުނު 7 ޖަހާ އިރު އެވެ. ނަތީޖާ ލިބޭނެ ކަމަށް ލަފާ ކުރެވެނީ އޭގެ އަނެއް ދުވަހުގެ ފަހުގެ ވަގުތެއްގަ އެވެ.