ވިލިމާލޭގައި ހަ ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ މި އަހަރުތެރޭ ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ވިލިމާލެ ސިއްހީ މަރުކަޒު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ވިލިމާލެއަކީ ވިލިމާލޭގައި ހަ ބުރިއަށް އިމާރާތްތައް ނެގުމުގެ އަމިއްލަ ފަރާތްތަކަށް ދެއްވާނެ ކަމަށެވެ. އެގޮތަށް ނިންމެވީ ވިލިމާލޭގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަމިއްލަ ފަރާތްތަކަށް މިހާރު ވިލިމާލޭގައި އެންމެ އުސްކޮށް އިމާރާތް ކުރެވެނީ ހަތަރު ބުރި އަށެވެ.

"ސަރުކާރުގެ އިމާރާތްތައް ހަ ބުރިއަށް ހިއްލާލުމުގެ ހުއްދަ އޮތީމައާ އެކީގައި އެ ތަފާތު ނައްތާލާފައި ވިލިނގިލީގެ ވެސް އަމިއްލަ ފަރާތްތަކުން މި ކުރާ މަސައްކަތުގައި ހަ ބުރި އަށް އިމާރާތްކުރުމުގެ ހުއްދަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަރުވާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަމުގެ ތަފްސީލް ހައުސިން މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު ދެއްވާނެކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވިލިމާލޭގެ ތަރައްގީއަށް ވަރަށް ބޮޑު އަހަންމިއްޔަތުކަން ދެއްވިކަން ފާހަގަކުރައްވައި އެކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.