ޕަޕުއާއިން ފުރައިގެން 54 މީހުންނާއެ ދަތުރުކުރަނިކޮށް މިއަދު ގެއްލުނު އިންޑޮނީޝިއާގެ ޓްރިގާނާ އެއާ ސާވިސްގެ މަތިންދާ ބޯޓުގެ ބައިތަކެއް ފެނިއްޖެ ކަމަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އިންޑޮނީޝީއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް އެއާ ޓްރާންސްޕޯޓޭޝަން، ސުޕްރަސެތުޔޯ ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން މިހާތަނަށް ލިބިފައިވާ މައުލޫމާތުތައް އިތުރަށް ސައްހަކުރުމުގެ މަސައްކަތްތައް ކުރިއަށް ދާކަމަށާއި، އެބޯޓު ދަތުރުކުރި މަންޒިލް ކަމަށްވާ އޮކްސިބިލްއާއި ކައިރީގައިވާ ފަރުބަދަމަތީ ސަރަހައްދަކަށް ބޯޓު ވެއްޓުނު މަންޒަރު އެހިސާބުގަނޑުގެ މީހުންނަށް ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އިންޑޮނީޝިއާގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ އެ މަތިންދާ ބޯޓު، މިއަދު މެންދުރު ފަހު، 2:22 ގައި އެގައުމުގެ ޖަޔަޕޫރާގެ ސެންޓާނީ އެއާޕޯޓުން ފުރައިގެން އޮކްސިބިލްއަށް ދަތުރުކުރަނިކޮށް އެއާޓްރެފިކް ކޮންޓްރޯލްއާ ގުޅުން ކެނޑިފައި ވަނީ، ޕަޕުއާ ޕްރޮވިންސާ ހަމައިން ކަމަށް އޮފިޝަލުން މައުލޫމާތު ދެއްވައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ތަރުޖަމާނު ޖޭއޭ ބަރާތާ ސީއެންއެންއަށް ވިދާޅުވި ކަމަށް އެ ނޫސްއޭޖެންސީން ބުނީ، އެ ބޯޓުު އޮކްސިބިލަށް ލޭންޑުކުރުމަށް އޮތީ 3:16ގައި ކަމަށާއި އެހެން ނަމަވެސް 2:55ގައި އެއާޓްރެފިކް ކޮންޓްރޯލާ އެބޯޓާ ގުޅުން ކެނޑިފައިވާ ކަމަށެވެ. އަދި އޭގެ ކުރިން ބޯޓުން އެއްވެސް ކަހަލަ މައްސަލައެއް އުޅޭ ކަމުގެ އިޝާރާތެއް ކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ބަރާތާ ވިދާޅުވީ، 44 ބޮޑެތި މީހުންނާއި، 5 ކުޑަކުދީންނާއި 5 ފަޅުވެރީންނާއެކު ދަތުރުކުރި އެބޯޓު ހޯދުމުގެ މަސައްކަތް މޫސުން ގޯސްވެ އަނދިރި ވުމުގެ ސަބަބުން ކުޑަކޮށް މަޑުޖައްސާލާފައި ވާކަމަށާއި އެއީ ޖަންގަލީގެ ފަރުބަދަ މަތީ ސަރަހައްދެއް ކަމަށް ވުމުން އެހިސާބަށް ރޭގަނޑުގެ ގަޑީގައި ވާސިލުވުމަކީ އިތުރު ނުރައްކަލަކާ ކުރިމަތިލާން ޖެހޭ ކަމަކަށް ވާތީ ކަމަށެވެ.

އިންޑޮނީޝިއާގެ އޮފިޝަލުން ވިދާޅުވީ، އެ ބޯޓު ދަތުރުކުރި ރާސްތާއިން ފަރުބަދަ މަތީ ހިސާބުގަނޑުން ކޮންމެވެސް ވަރަކަށް ގުގުރާ ވިދުން ހުރި ކަމުގައި ވީ ނަމަވެސް ޖަޔަޕޫރާއިން ބޯޓު ނައްޓާލިއިރު މޫސުން ރަނގަޅު ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން އިތުރަށް ގޯސްވާނޭ ކަމަށް ލަފާކުރެވޭތީ، ތިން ކިލޯމީޓަރު (10،000 ފޫޓު) އުހުގައި ވާ އެ ސަރަހައްދަށް ވާސިލްވުމަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނޭ ކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ ސީއެންއެންއިން ބުންޏެވެ.

ޓްރިގާނާ އެއާ ސާވިސްގެ މަތިންދާ ބޯޓަކީ، ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި އޭޝިއާ ސަރަހައްދުން މިގޮތަށް ގެއްލުނު ތިން ވަނަ މަތިންދާ ބޯޓެވެ.

ކުއަލަލަމްޕޫރުން ފުރައިގެން 239 މީހުންނާއެކު ޗައިނާގެ ބެއިޖިންއަށް ދަތުރުކުރަމުން ދަނިކޮށް 2014 ވަނަ އަހަރުގެ މާޗް 8 ވަނަ ދުވަހު މެލޭޝިއާ އެއާލައިންގެ އެމްއެޗް370 ގެއްލިފައިވާއިރު، 28 ޑިސެންރު 2014ގައި އިންޑޮނޭޝިއާގެ ސުރަބަޔާއިން ސިންގަޕޫރަށް ދަތުރުކުރަނިކޮށް އެއާ އޭޝިއާގެ ކިއުޒެޑް8501 މަތިންދާ ބޯޓު ވަނީ ގެއްލިފައެވެ. 162 މީހުންގޮވައިގެން ދަތުރުކުރި އެ ބޯޓު ފަހުން ވަނީ ޖާވާ ކަނޑަށް ވެއްޓިފައި ވަނިކޮށް ފެނިފައެވެ.

ޓްރިގާނާ އެއާ ސާވިސްގެ މަތިންދާ ބޯޓުތައް ޔޫރަޕްގެ ވައިގެ ސަރަހައްދަށް ވަނުން މަނާކޮށްފައި ވާއިރު، ޔޫރަޕިއަން ކޮމިޝަނުން ބުނެފައި ވަނީ، 2007 ވަނަ އަހަރުން ފެށިގެން ޓްރިގާނާ އެއާ ސާވިސްގެ ގިނަ މަތިންދާ ބޯޓުތައް ބެލެވިފައިވަނީ، ސަލާމަތީގޮތުން ރައްކާތެރި ނޫން ބޯޓުތަކެއްގެ ގޮތުގައި ކަމަށެވެ.