ކުރިއަށް އޮތް ދެ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ކުނިކޮށްޓެއް ގާއިމުކުރާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"ސާފު ރާއްޖެ އިނީޝިއޭޓިވް" ބަޔާނުގައި ކައުންސިލްތަކުން ސޮއި ކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ކުނި ކޮށްޓެއް ގާއިމު ކުރުމަށް ނިންމާފައިވާއިރު 2018 ވަނަ އަހަރު ނިމެންވާއިރަށް މަސައްކަތްތައް ފުރިހަމަކޮށް ރަނގަޅު ހިދުމަތަކެއް ފޯރުކޮށްދެވޭނެ ކަމަށެވެ.

"ރާއްޖޭގެ ކޮންމެ ރަށެއްގައި 2018 ވަނަ އަހަރު ނިމެންވާއިރަށް ކުނި ކޮށްޓެއް ގާއިމް ކުރާނެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ ކުނިކޮށިތައް ނިމޭއިރު އެތަނަކީ ބޭނުންވާނެ ހިދުމަތްތައް ލިބޭނެ ކުނިކޮށިތަކަކަށް ވާނެ،" ތޯރިގު ވިދާޅުވިއެވެ.

ކުނި މެނޭޖުކުރުމަށް ތައްޔާރުކޮށްފައިވާ ސެންޓަރުތަކުގެ ހިދުމަތްތައްވެސް ކުރިއަށް އޮތް ދެ އަހަރުގެތެރޭގައި ފުރިހަމަ ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ، ރަށްރަށުގައި ގާއިމުކޮށްފައިވާ ކުނި ކޮށިތައް ހިންގުމަށް ރަށްރަށުގެ ގޭބިސީތަކުންނާއި ފިހާރަ ފަދަ ތަންތަނުން ފީއެއް ނެގުމަށް ހަމަޖައްސާފައިވާ ކަމަށާއި އެ ފީ ނަގާނީ އެ ރަށެއްގެ ރަށު ކައުންސިލުން ކަމަށެވެ.

މާލޭ ސަރަހައްދުގައި ކުނި މެނޭޖްކުރުމުގެ ޕްލޭނެއް އެކުލަވާލައި، އެކަން ފެށުމުގެ ތައްޔާރީތައް ވެސް މިހާރު ފަށާފައި ވާކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.