އިކުއެޑޯގެ ވެރިރަށް ކުއިޓޯގެ ކައިރީގައިވާ ދުނިޔޭގެ އެންމެ އުސް އަލިފާން ފަރުބަދަ ކޮޓޯޕެކްސީ ގޮވާފާނެކަމުގެ އަލާމާތްތަކެއް ފާޅުވަމުންދާތީ، ރައީސް ރަފައެލް ކުރިއާ އެގައުމުގައި ކުއްލި ހާލަތު އިއުލާނުކުރައްވައިފި އެވެ.

ރައީސް ރަފައެލް ކުރިއާ އެޅުއްވި މި ފަޔަވަޅުގެ ސަބަބުން، އަލިފާން ފަރުބަދައިގެ ސަބަބުން ރައްޔިތުންނަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅު އެޅުމަށް ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ހަރަދުކުރުމަށް އިކުއެޑޯގެ ކަމާގުޅޭ ދާއިރާތަކަށް ފުރުސަތު ފަހިވެގެންދާނެއެވެ.

"ކޮޓޯޕެކްސީ ފަރުބަދައިން އާދަޔާ ޚިޔާލާފު ހަރަކާތްތަކެއް ފެންނަން ފެށުމާ ގުޅިގެން އަޅުގަނޑުމެން މިވަނީ ގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށްފައި،" ކޮންމެ ހަފްތާއަކު އެއް ދުވަހު ގައުމާ މުޚާތަބުކޮށް ދެއްވާ ތަގުރީރުގައި ހޮނިހިރު ދުވަހު ވާހަކަފުޅުދައްކަވަމުން އިކުއެޑޯގެ ރައީސް ރަފައެލް ކުރިއާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަލިފާން ފަރުބަދަ ނުގޮވާނެ، ހުރީހާ ކަމެއްވެސް ވާނީ ރަނގަޅަށް."

ހުކުރު ދުވަހު، ކޮޓޯޕެކްސީ އަލިފާން ފަރުބަދަ އުތުރިއަރަށް ފެށުމާއެކު އިކުއެޑޯގެ އޮފިޝަލުން ވަނީ، އެ ސަރަހައްދުގެ އަވަށްތަކުގައި ދިރިއުޅޭ ގިނަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފައެވެ.

ކުޑަކުޑަ ދެ ގޮވުމަކާއެކު ވެސް ޖައްވުގެ ތެރެއިން ގާތްގަނޑަކަށް ފަސް ކިލޯމީޓަރު (ތިން މޭލު) ދުރަށް އަޅީގެ އަސަރު ކޮށް، އެ ފަރުބަދައިގެ އުތުރުން 50 ކިލޯ މީޓަރު (30 މޭލު) ދުރުގައި އޮންނަ ކުއިޓޯއާ ހަމަށް ފަރުބަދަމަތިން ފޭބި އަޅީގެ އަސަރުކޮށްފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ދުނިޔޭގެ އެންމެ ނުރައްކާތެރި އަލިފާން ފަރުބަދައިގެ ގޮތުގައި ފާހަގަކުރެވިފައިވާ ކޮޓޯޕެކްސީ އަކީ އުސްމިނުގައި 19,347 ފޫޓު ( 5,897 މީޓަރު) ހުންނަ ފަރުބަދައެކެވެ. އަދި އިކުއެޑޯގެ ދެވަނައަށް އެންމެ އުސް މި ފަރުބަދަ އަކީ، އެގައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ މެދުގައިވެސް ވަރަށް މަގުބޫލު ތަނެކެވެ.

އަލިފާން ފަރުބަދައިގެން ހަރަކާތްތައް އިތުރުވެފައި ވުމާ ގުޅިގެން އިކުއެޑޯގެ އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮޓޯޕެކްސީ ނޭޝަނަލް ޕާކްވެސް ވަގުތީގޮތުން ބަންދުކޮށްފައެވެ.