16 Aug 2015, 22:42
ރަނގަޅުގޮތުގައި ކުނި މެނޭޖު ކުރުމާ ގުޅޭގޮތުން އެންވަޔަރަންމެންޓް މިނިސްޓްރީން ކުރިއަށް ގެންދާ "ސާފު ރާއްޖެ އިނިޝިއޭޓިވް"ގައި އަތޮޅު ކައުންސިލްތަކުން ބައިވެރި ވެއްޖެ އެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ސާފު ރާއްޖެ އިނިޝިއޭޓިވް ބަޔާނުގައި ވަނީ އަތޮޅު ކައުންސިލަރުން ސޮއި ކުރައްވާފައެވެ.
އެ ރަސްމިއްޔާތަށްފަހު އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ އެ އިނިޝިއޭޓިވްގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވެފައިވާ ކަމަށެވެ.
ކުނި މެނޭޖްކުރުމުގެ ގައުމީ ސިޔާސަތަށް އަންނަ މަހު އަމަލު ކުރަން ފަށާއިރު ރަށްރަށުގައި ގާއިމުކޮށްފައިވާ ކުނި ކޮށިތައް ހިންގުމަށް ރަށްރަށުގެ ގޭބިސީތަކުންނާއި ފިހާރަ ފަދަ ތަންތަނުން ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ފީ ނަގާނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.
ދަރުބާރުގޭގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާޓުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ކުނި ނައްތާލުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވަނީ ރާއްޖެއަށް އައި ތަރައްގީއާއެކު އުފެދޭ ކުނީގެ ބާވަތްތައް ތަފާތުވުމުން ކަމަށެވެ.
އެގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮން ޖެހުމަކީ ރާއްޖޭގައި ބޮޑެތި ކުނި ނައްތާލުމުގެ ވަރުގަދަ ގޮތްތަކެއް ނެތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރަނގަޅު ގޮތުގައި ކުނި މެނޭޖް ނުކުރެވުމުގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތައް ވެސް ކުރިމަތިވާ ކަމަށާއި ރާއްޖޭގައި މިދޭތެރެއިން ފެތުރިގެން ދިޔަ ޑެންގީ ހުމަކީ އޭގެ ހެއްކެއް ކަމަށް އުމަރު ވިދާޅުވިއެވެ.
ހެޔޮ ގޮތުގައި ކުނި ނައްތާލުމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް ކުރިއަށްދާ ސާފު ރާއްޖެ ޕްރޮގްރާމް ސަރުކާރުން ފަށާފައިވަނީ މިދިޔަ މެއި މަހުގައެވެ.