ކުއަލަލަމްޕޫރު، (16 އޯގަސްޓް) - މަތިންދާ ބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އިތުރު ދެ އެތިކޮޅު ރާއްޖެއިން ފެނިފައިވާ ކަމަށާއި އެއީ މެލޭޝިއާގެ ގެއްލިފައިވާ މަތިންދާބޯޓް އެމްއެޗް370 އާ ގުޅުންހުރި އެއްޗެއްތޯ ކަމުގެ ތަޖްރިބާކާރުން ބަލަމުން އަންނަކަމަށް މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދާތޯ ސެރީ ލިއޯ ޓިއޮންގ ލާއި ވިދާޅުވެއްޖެ އެވެ.

ރާއްޖޭން އަލަށް ފެނުނު ބައިތަކާ ބެހޭގޮތުން ލިއޯ ޓިއޮންގ ވިދާޅުވީ، އޭގެ ތެރެއިން އެކަތިކޮޅު އޮތީ ފަތާކޮށް ކަމަށާއި އަނެއް އެތިކޮޅު އޮތީ ކުޅަނދުރު ހަތައެއްގެ ބައްޓަމަށް ކަމަށެވެ.

"އެއީ އަތްތިލައެއް ވަރުގެ ވަރަށް ކުޑަ އެތިކޮޅެއް،" ރާއްޖޭން އަލަށް ފެނުނުކަމަށް ބުނާ ބައިތަކާބެހޭގޮތުން މިއަދު މެލޭޝިއާގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވިއެވެ.

"ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ބަލަންވީ އެއީ ހަމަ ހަގީގަތުގައި ވެސް މަތިންދާ ބޯޓެއްގެ އެތިކޮޅުތަކެއްތޯ،" އަލަށް ފެނުނު ބައިތައް އެއީ މީގެ ދެދުވަސް ކުރީން ރާއްޖޭން ފެނުނު ބައިތަކެއްކަން ފާހަގަކުރައްވައި ލިއޯ ޓިއޮންގ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޓީމުން ބަލާނެ އެއީ މަތިންދާ ބޯޓެއްގެ ބައިތަކެއްތޯ، އަދި އެކަން ޔަގީން ވެއްޖިއްޔާ އެބައިތައް އެއީ އެމްއެޗް370ގެ ބައިތަކެއްތޯ ބަލަން އެކަމުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ތަހުގީގީ ޓީމަށް ފޮނުވާނަން،" ލިއޯ ޓިއޮންގ ވިދާޅުވިއެވެ.

މެލޭޝިއާ އެއާލައިންގެ ފްލައިޓް ނަންބަރު އެމްއެޗް370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ އަހަރުގެ މާޗް 8 ވަނަ ދުވަހު 227 ފަސިންޖަރުންނާއި 12 ފަޅުވެރީންނާއެކު އެ ބޯޓް ކުއަލަލަމްޕޫރުން ފުރައިގެން ބެއިޖިންއަށް ދަތުރު ފެށިތާ ގަޑިއެއްހާއިރުގެ ތެރޭގައެވެ.

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ ރިޔޫނިއަން އިން މީގެ ދުވަސްކޮޅެއް ކުރީން އެމްއެޗް370ގެ ފިޔަގަނޑެއްގެ ބައެއް ފެނިފައި ވާއިރު، ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ވައްބިންފަރުން ވެސް ވަނީ، މަތިންދާ ބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް މީގެ ކުރީން ފެނިފައެވެ. އަދި އެ ތަކެތިވެސް މެލޭޝިއާގެ ޓީމުން އަންނަނީ ތަހުގީގުކުރަމުންނެވެ.

މައުލޫމާތު: ދަ ސްޓާ އޮންލައިން، މެލޭޝިއާ