ރާއްޖޭގައި އަލްގައިދާގެ ސެންޓަރެއް ނުހުންނާނެ ކަމަށާއި ރާއްޖޭގައި އަލްގައިދާގެ ހަރަކާތްތަކެއް ނުހިންގާ ކަމަށް ގައުމީ ދިފާއީ ބާރުން މިއަދު ބުނެފި އެވެ.

ސްރީލަންކާގައި އިނގިރޭސިބަހުން ނެރޭ އެންމެ މަޝްހޫރު ދުވަހު ނޫސް ދަ އައިލެންޑުގެ އިއްޔެގެ އަދަދުގައި ބައިނަލްއަގުވާމީ ޓެރަރިސްޓް ނެޓްވޯކެއް ކަމަށް ބުނާ އަލްގައިދާގެ މަރުކަޒެއް ރާއްޖޭގައި ހުންނަ ކަމަށް ބުނެފައިވާތީ އެކަމަށް އިޝާރާތް ކުރައްވަމުން ގައުމީ ދިފާއީ ބާރުގެ މީޑިއާ ކޯޑިނޭޓާ މޭޖާ އަބްދުއްރަހީމް މިއަދު ވިދާޅުވީ ޓެރަރިސްޓުންގެ ހަރަކާތްތައް ރާއްޖޭގައި ހިންގާ ކަމުގެ މައުލޫމާތު އެއްވެސް ވަރަކަށް ލިބިފައިނުވާ ކަމަށާއި ރާއްޖޭގައި އަލްގައިދާގެ ބޭހެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ނުރައްކާތެރި ކަމެއްގެ މައުލޫމާތު އެއްވެސް ގައުމަކުން ވެސް ރާއްޖެ އާއި އަދި ހިއްސާ ކޮށްފައިވެސް ނުވާކަމަށެވެ.

"މި ސަރަހްދުގެ ގައުމުތަކުން އިންޓެލިޖެންސް ޝެއާ ކުރަމުން ގެންދޭ. މިއީ ކޮންގޮތަކަށް މާނަ ކުރައްވައިގެން ކިހާ ވަރެއްގެ ސޯސްއަކުން ލިބިގެން އުޅޭ މައުލޫމާތެއް ކަމެއް ނޭނގޭ. އެފަރާތުން (ލަންކާގެ ނޫސްތަކުން) ޔަގީން ކަމާއެކު މިއީ މިވެނި ސަރަހައްދެއްގައޭ ނުވަތަ ކޮން ރަށެއްގައޭ ވިދާޅުވެއްޖިއްޔާ އަޅުގަނޑުމެންނަށްވެސް ބެލޭނެ. އެކަމަކު މިހާރުނަމަ އަޅުގަނޑުމެންނަކަށް ނެތް ދެންނެވޭކަށް ރާއްޖޭގައި އަލްގައިދާގެ ސެންޓަރެއް އެބަހުއްޓޭ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނަ އަލްގައިދާގެ ބޭސް އާއި ސޯމާލިއާގެ ކަނޑުފޭރޭ ގްރޫޕް، އަލް ޝަބާބާ ގުޅިގެން އިންޑިއާއަށް ޓެރަރިސްޓް ހަމަލާތަކެއް ދިނުމަށް ރާވަމުން ދާކަމަށް ދެކެވޭ ވާހަކަ ތަކާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން އެފަދަ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށާއި އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވެސް ޓެރަރިޒަމްގެ ހަރަކާތްތައް ހިނގަމުން ނުދާ ކަމަށެވެ.

"ކުރިކެޓް ހިނގަމުން މިދާ ސަރަހައްދުތަކަށް އަޅުގަނޑުމެންގެ ސަރަހައްދު ބޭނުންކޮށްގެން އެއްވެސް ހަމަލައެއް ދޭން އުޅޭ ކަމުގެ މައުލޫމާތެއްނެތް ލިބިފަ އެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ލަންކާގެ ނޫހަކުން ސޯމާލިއާގެ ކަނޑުފޭރޭ މީހުންނާއި ރާއްޖެއާ ދެމެދު ތުހުމަތުތަކެއް ކުރުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސްސެކްރެޓަރީ މުހަންމަދު ޒުހައިރު މިއަދު ވިދާޅުވީ އަލްގައިދާގެ ހަރަކާތްތެރި ސެލްއެއް ރާއްޖޭގައި ނެތްކަމަށާއި ނަމަވެސް ބައެއް ދިވެހިން ޓެރަރިޒމްގެ އަމަލުތަކުގައި ބައިވެރިވަމުން އަންނަ ކަމަށެވެ.

"އަލްގައިދާގެ ދެ ވައްތަރެއްގެ ސެލް އެބައުޅޭ. ހަރަކާތްތެރި ސެލްއާއި ކަމެއް ހިންގުމަށް އެމީހުން އަންގާލީމާ ހަރަކާތްތެރިވާ ސެލް. އަދި ރާއްޖެއަކު ނެތޭ ހަރަކާތްތެރި ސެލް އެއް. ނަމަވެސް ބައެއް ދިވެހިން އެބަ ބައިވެރިވޭ ޓެރަރިޒަމްގެ އަމަލުތަކުގައި،" ޒުހައިރު ވިދާޅުވި އެވެ.

އިންޑިއާގެ އިންޓެލިޖެންސް އެޖެންސީތަކާ ހަވާލާދީ ދަ އައިލެންޑުން ބުނެފައި ވަނީ މިހާރު އިންޑިއާގައި ކުރިއަށްދާ ކުރިކެޓް ވޯލްޑް ކަޕާ ދިމާކޮށް، ކްރިކެޓް ބާއްވާ އިންޑިއާގެ ދެ ތިން ރަށަކަށް ވަރުގަދަ ޓެރަރިސްޓް ހަމަލާތަކެއް ދިނުމަށް ރާވާފައިވާ ކަމަށެވެ. އަދި އެ ކަމުގައި އިސްކޮށް ހަރަކާތްތެރިވަމުން ދަނީ އިންޑިއާ ކަނޑުގައި ފުޅާދާއިރާއެއްގައި ފޭރުމުގެ ހަރަކާތްތައް ހިންގާ ސޯމާލިޔާގެ ކަނޑުފޭރޭ ގުރޫޕުތަކުންނާއި އަލްގައިދާއާއި އަދި ލަޝްކަރޭ ތޮއިބާއިން ކަމަށެވެ.