16 Aug 2015, 18:07
މިނިވަން ނޫހުގެ ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲއަށް ވީގޮތް އެނގެން ފުލުހުން އެދޭ މިންވަރަށް އެހެން އެއްވެސް ބަޔަކު ނޭދޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ޙުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
ރިލްވާނުގެ މައްސަލައިގެ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަޑައިގަތް އިސް ޓީމަކާ ބައްދަލު ކުރުމަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި އޮތް ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ، ރިލުވާން ގެއްލިފައިވާ މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދަނީ އިޚްލާޞްތެރި މަސައްކަތްތަކެއް ކަމަށެވެ. އަދި ވިދާޅުވީ، އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން އެކަން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
މީޑިއާ ކައުންސިލާ އެއްކޮށް ބޭއްވި ބައްދަލުކުރެއްވުމުގައި ކޮމިޝަނާ އޮފް ޕޮލިސް ވަނީ ރިލްވާނު ހޯދުމަށް ފުލުހުން ކުރަމުންދާ ތަޙުގީގާއި އަދި އޭނާ ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް ކުޑަނަމަވެސް ހުއްޓުމެއް ނުގެންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މީޑިއާ ކައުންސިލަށް ދެއްވާފައެވެ.
ސީޕީ ހުސައިން ވަހީދު ވިދާޅުވީ، ރިލްވާނު ހޯދުމަށާއި އޭނާއަށް ވީގޮތް ބެލުމަށް ފުލުހުން ކުރަމުންދާ ތަޙުޤީޤުގައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން ކުރިން ލިބިފައިހުރި މަޢުލޫމާތުތައް އަލުން ރިވިއުކޮށް، ލިބިފައިވާ ވީޑިއޯ ފުޓޭޖްތައް އިތުރަށް ދިރާސާކޮށް، އެއްވެސްކަހަލަ މަޢުލޫމާތެއް އެކަމާ ގުޅިގެން ލިބިފައިވާނަމަ އެ މަޢުލޫމާތަކާ ގުޅިގެން ބަލަންޖެހޭ އެހެނިހެން ކަންކަން މިހާރުވެސް ބަލަމުން ދާކަމަށް ސީޕީގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިޔާ ރިލްވާނު ހޯދުމުގެ އެންމެ ފަހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ފުލުހުން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން 387 މީހަކާ ސުވާލުކޮށް މަޢުލޫމާތު ހޯދައި 128 އަށް ވުރެ ގިނަ މީހުންގެ ތަޙުގީގީ ބަޔާން ނަގާފައިވާ ކަމަށެވެ.
ރިލްވާނު އުޅުނު އެޕާޓުމަންޓުގެ ވަށައިގެންވާ ފްލެޓްތަކާއި 77 އެޕާޓްމަންޓްގައި އުޅޭ ގިނަ ބައެއްގެ ފަރާތުން މަޢުލޫމާތު ހޯދައި އެއްކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ރިލްވާނުގެ މައްސަލައާ ގުޅިގެން ހުޅުމާލޭގެ އެކި ސަރަޙައްދުތައް ހިމެނޭ ގޮތުން 79 އަށް ވުރެ ގިނަ ތަނަކުން 157 ކެމެރާ އިން 1235 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް ހޯދައި އެތަކެތި ދިރާސާކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.