16 Aug 2015, 16:56
މަޝްހޫރު ދީނީއިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުށް ސާބިތުވެ ހ. ލޮބީ ހުސައިން ހުމާމް އަހްމަދަށް އިއްވާފައިވާ މަރުގެ ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި އެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވި ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް އެރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގަ އެވެ.
ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދެ ފަރާތުން ވެސް ވަނީ ޚުލާސާ ބަޔާން ހުށަހަޅާފައެވެ.
ހުމާމްގެ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ހުމާމް އިއުތިރާފްވީ ފުލުހުން ބިރުދެއްކުމުން ކަމަށެވެ. އަދި ފަހުން ހުމާމް އެކަމަށް އިންކާރުކޮށްފައިވާއިރު، އޭނާ އިންކާރު ކުރި ކުރުން ސައްޚަ ކަމަށް ވެސް ހަސީން ވިދާޅުވިއެވެ.
ހުމާމް މީހަކު މަރަނިކޮށް ފެނުނު އެއްވެސް ހެއްކެއް ޝަރީއަތުގެ މަޖިލީހަށް ހުށަހެޅިފައި ނުވާއިރު އަފްރާޝީމް މަރާލިކަން ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައި ވަނީ ގަތުއީ ގޮތުން ސާބިތުވާ ވަރުގެ ހެކިތަކެއް ނޫންކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ހުމާމް މެރުމަށް ކުރި ހުކުމަކީ ޝައްކުތަކުން ފުރިގެންވާ ހުކުމެއް ކަމަށާއި އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތު ކުރުމުގައި އެއްވެސް ޝައްކެއް އޮވެގެން ނުވާނެ ކަމަށް ރަސޫލާގެ ހަދީސްފުޅެއްގައި އޮންނަ ކަމަށް ވެސް ހަސީން ވިދާޅުވި އެވެ.
މީގެ ކުރިން 29 ފަހަރެއްގެ މަތިން ތަފާތު އެކި މައްސަލަތަކުގައި ހުމާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާއިރު، އެއިރު އޭނާގެ ކިބައިގައި ނަފްސާނީ މައްސަލަތައް ނުހުންނަނީތޯ މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު އަލީ ސަމީރު ސުވާލު ކުރެއްވި އެވެ.
ހުމާމްގެ ވަކީލު ވިދާޅުވީ އޭނާ އަކީ ކުޑައިރުން ފެށިގެން ވެސް ނަފްސާނީ މައްސަލަތަކެއް ހުއްނަ މީހެއް ކަމަށާއި ނަމަވެސް އެކަން ބޮޑުވީ އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅިގެން އެކަހެރިކޮށް ބަންދުކޮށްފައި ބެހެއްޓުމުން ކަމަށެެވެ.
ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ހުމާމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ އޭނާ ވެފައިވާ އިއުތިރާފުގެ މައްޗަށް އެކަނި ބެލުމަށްފަހު ނޫން ކަމަށާއި ކުށް ސާބިތުކުރީ ހެކީންގެ ހެކިބަހަށް ވެސް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
ހުމާމަށް އިއްވި މަރުގެ ހުކުމްގައި ފާހަގަކޮށްފައިވާ ފަދައިން ދައުލަތުގެ ވަކީލު ވިދާޅުވީ މީހެއްގެ ހައްގެއް އެކުލެވޭ ކުށަކަށް އިއުތިރާފުވުމަށްފަހު އެ އިއުތިރާފުން ރުޖޫއަ ނުވެވޭނެ ކަމަށް އިސްލާމްދީނުގެ ބޮޑެތި އިލްމުވެރިން ވިދާޅުވެފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
އެހެންކަމުން އަފްރާޝީމް އަވަހާރަކޮށްލި ކަމަށް އިއުތިރާފުވުމަށްފަހު، ފަހުން ހުމާމް އޭނާ މަރާނުލާ ކަމަށް ބުނިބުނުން ގަބޫލުނުކުރެވޭނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އެ މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ފަނޑިޔާރު އަލީ ސަމީރު ބެލެހެއްޓެވި އިރު އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި، ފަނޑިޔާރު އަބްދުއް ރައުފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު ސުޖާއު އުސްމާނެވެ.