ނޭޕާލަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގުޅިގެން މި އަހަރުގެ އޭޕްރީލް 26 އިން 14 ޖޫންގެ ނިޔަލަށް ހިންގި ފަންޑަށް ލިބުނު 2.5 މިލިއަން ރުފިޔާ ނޭޕާލުގެ ރެޑް ކްރޮސްއާ ހަވާލުކޮށްފި އެވެ.

ދިވެހި ރެޑް ކްރެސެންޓުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ދެ ފަހަރެއްގެ މައްޗަށް ބަހާލައިގެން ފޮނުވި ފައިސާ މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ފޮނުވައި ނިމިފައިވާ ކަމަށެވެ.

ދިވެހި ރެޑް ކްރެސެންޓުން ބުނީ އެ ފައީސާ ނޭޕާލުގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ދިވެހިން ވެދިން އެހީ ފާހަގަކޮށް ނޭޕާލުގެ ރެޑް ކްރޮސް އިން ޝުކުރު އަދާކޮށްފައިވާ ކަމަށެވެ. އަދި ދިވެހި ރެޑް ކްރޮސެންޓުން އެދިފައިވާ ފަދައިން އެ ފައިސާ ބޭނުން ކުރާނީ ނޭޕާލުގައި ގެދޮރު ގެއްލުނު އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދިވެހި ރެޑް ކްރޮސެންޓުން ބުނީ އެ ފަންޑަށް ލިބުނު 2.5 މިލިއަން ރުފިޔާގެ ތެރެއިން 1.8 މިލިއަން ރުފިޔާއަކީ ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގި ހަ ގަޑި އިރުގެ ޓެލެތޯނުން ލިބުނު ފައިސާ ކަމަށެވެ.