16 Aug 2015, 15:29
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ސާވާ ޑައުވުން ވެގެން މިއަދު ބާއްވަން ތާވަލް ކުރި ތ. ތިމަރަފުށީ ބްލޫނިޔާގޭ އަހްމަދު އަސީލު މަރާލި މައްސަލައިގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.
މައްޗަންގޮޅި ދިދިގޯޅި ތެރޭގައި ހުންނަ "އަގޯރާ އެކްސްޕްރެސް" ފިހާރަ ކުރިމަތިން ވަޅިން ހަމަލާދީ އަސީލް މަރާލި ހާދިސާއާ ގުޅިގެން ހަ މީހެއްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.
އެ މީހުންނަކީ ގދ. ތިނަދޫ ސްވީޓް ޑްރީމް، އަހްމަދު ނިމްޝާދާއި ހުޅުމާލެ ފްލެޓް 110118 އަހްމަދު ޖައުފަރާއި މާލޭ ދަފްތަރު 107 އަހްމަދު ޖައުފަރާއި ގދ. ވާދޫ އާބަހާރުގޭ އިހްސާން ރަޝީދާއި މ. ގޯލްޑްބާޑްލިލީ، ހަސަން އިސާމް މުހައްމަދުގެ އިތުރުން މއ. ރާޅުއެރިގޭ ޝާރިފް ޝަރީފެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހަމަޖެހިފައި އޮތީ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމަށް ކަމަށެވެ. ނަމަވެސް ޖުޑީޝަރީގެ ސާވާ ޑައުންވުމުގެ ސަބަބުން ޝަރީއަތް ކެންސަލް ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"މިއަދަށް ތާވަލް ކުރީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމަށް. ދައުލަތުން އެދިގެން ހުރިހާ ހެކީން ވެސް ވަނީ ސިއްރުކޮށްފައި. ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސާވާ ޑައުންވުމާ ގުޅިގެން ސިއްރު ހެކީންގެ ހެކިބަސް ނެގޭކަށް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.
ތަފާތު އެކި ސަބަބުތަކާ ހުރެ މީގެ ކުރިން ވެސް ވަނީ އެ މައްސަލައިގެ އަޑުއެހުން އެތައް ފަހަރަކު ކެންސަލް ކޮށްފައެވެ.
އެ ހަ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 23 ވަނަ ދުވަހުގެ ރޭ 8:45 އެހާކަންހާއިރު "އަގޯރާ އެކްސްޕްރެސް" ފިހާރަ ކައިރީގައި އަސީލާއި އިތުރު ދެ މީހަކު ހުއްޓައި އެމީހުން ގޮސް އެ ތިން މީހުންނަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
އެ އެންމެންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެ މައްސަލާގައި ޖުވެނައިލް ކޯޓުގައި ދައުލަތުން ދައުވާ އުފުލި ކުދިންނާ ދެކޮޅަށް ހެކިބަސް ނަގައި މިހާރު ވަނީ އެ މައްސަލައިގެ ޝަރުއީ ހުރިހާ އަޑުއެހުންތައް ނިންމާލާފައެވެ.