16 Aug 2015, 14:33
ފަންސާސް ހަތަރު ޕަސެންޖަރުންނާ އެކު ދަތުރުކުރަމުން ދިޔަ އިންޑޮނީޝިއާގެ މަތިންދާ ބޯޓެއް ޕަޕުއާ ސަރަހައްދުން ގެއްލިއްޖެ އެވެ. ބީބީސީ އިން ދެންމެ ބުނީ އެ ފްލައިޓް ގެއްލިފައި ވަނީ ޕަޕުއާގެ ޖަޔަޕޫރާގެ އެއާޕޯޓުން ނައްޓާލި ފަހުންނެވެ.
އެ ފްލައިޓްގައި ތިބީ 44 މީހުންނާއި ފަސް ކުދިންނާއި ފަސް ކްރޫއިންނެވެ. އެ ފްލައިޓަކީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ފްލައިޓެކެވެ.
އެއީ ޓްރިގާނާ އެއާ ސާވިސްގެ ފްލައިޓެކެވެ. އެ ފްލައިޓް ދަތުރުކުރަމުން ދިޔައީ ޖަޔަޕޫރާގެ ސެންޓާރާ އެއާޕޯޓުން އޮކްސިބިލް ކިޔާ ރަށަކަށެވެ.

މީހުން ސަލާމަތްކުރާ ޓީމް ތައް މިހާރު ޕަޕުއާ އަށް ފޮނުވާފައިވާ ކަމަށް އިންޑޮނީޝިއާ ސަރުކާރާ ހަވާލާދީ ބީބީސީން ބުނެއެވެ. އެހެންނަމަވެސް އަދި އެ ފްލައިޓަށް ވީ ކިހިނެއް ކަމެއް ނޭނގެ އެވެ.
ފާއިތުވި އަހަރު ޑިސެމްބަރު މަހު އެއާއޭޝިއާގެ ސުރަބާޔާ އިން ސިންގަޕޫރަށް ދަތުރުކުރި ޖެޓެއް ވެއްޓި އެ ބޯޓުން ދަތުރުކުރި 162 މީހުން ވަނީ މަރުވެފަ އެވެ. އެ ހާދިސާ އާ ގުޅިގެން އިންޑޮނީޝިއާ އިން ވަނީ ފްލައިޓްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ.
މި އަހަރުގެ ޖުލައި މަހު އިންޑޮނޭޝިޔާގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓުމާ ގުޅިގެން 100 މީޙުން ވަނީ މަރުވެފަ އެވެ. އަދި އެކަމާ ގުޅިގެން އިންޑޮނީޝިއާގެ ރައީސް ވަނީ ގިނަ ދުވަސް ވެފައިވާ ފްލައިޓްތައް ބަދަލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.