ހޭނައްތާ ޑޮކްޓަރު ޗުއްޓީއަށް ދިއުމުން ދަތިތައް ކުރިމަތިވެފައިވާ ހުޅުމާލޭ ހޮސްޕިޓަލަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ހޭނައްތާ ޑޮކްޓަރެއް ހަމަޖައްސައިދޭން ނިންމައިފި އެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ހުންނަ ހޭނައްތާ ޑޮކްޓަރު މިދިޔަ ހުކުރު ދުވަހު ޗުއްޓީއަށް ދިއުމުން ކޮންމެ އާދިއްތަ ދުވަހާއި ބުދަ ދުވަސް ފިޔަވާ އެހެން ދުވަސް ދުވަހު އެހޮސްޕިޓަލުގައި ހޭނައްތައިގެން އެއްވެސް ފަރުވާއެއް ނުދެވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު ޝާކިރު މިއަދު ސަން އަށް ވިދާޅުވީ، އެ ހޮސްޕިޓަލުގައި ހުންނަ ހަމައެކަނި ހޭނައްތާ ޑޮކްޓަރު ޗުއްޓީއަށްފަހު އެނބުރި އަންނަންދެން އައިޖީއެމްއެޗް ހޮސްޕިޓަލުން އެހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރަކު ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

"އައިޖީއެމްއެޗްގެ ސީއީއޯ ނިންމަވައިފި މާދަމާއިން ފެށިގެން އައިޖީއެމްއެޗްގެ ހޭނައްތާ ޑޮކްޓަރަކު، އަޅުގަނޑުމެން ޗުއްޓީއަށް ދިޔަ ހޭނައްތާ ޑޮކްޓަރު ވަޑައިގަންނަވަންދެން ބަހައްޓަވަން،" ޝާކިރު ވިދާޅުވިއެވެ.

ހުޅުމާލޭގައި މިހާރު ހޭނައްތާ އެއް ޑޮކްޓަރު ހުރި ނަމަވެސް ވަރަށް އަވަހަށް ހޭނައްތާ އިތުރު ޑޮކްޓަރެއް ލިބޭނެ ކަމަށް ވެސް ޝާކިރު ވިދާޅުވި އެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ވަނީ އެހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރު ޗުއްޓީއަށް ދިއުމުން އޮޕަރޭޝަންތައް ކުރުމަށާއި ވިހެއުމަށް މީހުން މާލެ ފޮނުވާފަ އެވެ.