މިދިޔަ އަހަރު ޖީސީ އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ރާއްޖޭގެ ގަދަ ދިހައެއްގެ އެއްވަނަ އާއި ހިރިޔާ ސްކޫލްގެ ގަދަ ދިހައެއްގެ އެއްވަނަ ހޯދައިގެން، އެ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެމޮޅު ދަރިވަރަކަށް ގްރޭޑް 10 ބީގެ ދަރިވަރު، އައިޝަތު މަލްހާ ނަސީރު ހޮވިއްޖެ އެވެ.

މަލްހާ ވަނީ މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ޖުމްލަ އަށް މާދާއިން އޭފާސް ހޯދައިގެން ރާއްޖޭގެ ގަދަ ދިހައެއްގެ އެއްވަނައިން ޖާގަ ހޯދާފަ އެވެ. އަދި ހިރިޔާ ސްކޫލުން އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ވެސް ގަދަ ދިހައެއްގެ އެއްވަނައިން ޖާގަ ހޯދާފަ އެވެ.

ރޭ ހިރިޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި މަލްހާއަށް ތައްޓާއި މެޑެލް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމެވެ.

ރޭގެ ހަފުލާގައި ޖުމްލަ 88 ދަރިވަރަކަށް ވަނީ އިނާމު ހަވާލުކޮށްފަ އެވެ. އިނާމު ލިބުނު ކެޓަގަރީތަކުގެ ތެރޭގައި ގްރޭޑް 8،9،10 ގައި ކިޔަވާ މާއްދާތަކުން މަތީ ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި ގްރޭޑް 8،9،10 ގައި ހިމެނޭ ދަރިވަރުންގެ ތެރެއިން އަޚުލާގާއި ތަރުބިއްޔަތުން އެންމެ މޮޅު ދަރިވަރުންނާއި، އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ކުރި ހޯދި ދަރިވަރުން ހިމެނެއެވެ.

އޭގެ އިތުރުން އޯލެވެލްގެ ހުރިހާ މާއްދާތަކުން ފާސްވި ދަރިވަރުންނަށްދޭ އިނާމާއި ގައުމީ ފެންވަރުގެ އެންމެމޮޅު 10 ވަނާގައި ހިމެނޭ ދަރިވަރުންނާއި ސްކޫލްގެ އެންމެ މޮޅު 10 ވަނާގައި ހިމެނޭ ދަރިވަރުންނަށްދޭ އިނާމާއި ސްކޫލްގެ ހައުސްތަކަށްދޭ އިނާމު ހިމެނެ އެވެ.

އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސްފޯސް ޝިޔާމް ވިދާޅުވީ، ކޮންމެ ކުއްޖަކީވެސް ދީނީ ވާޖިބުތަކަށް ފަރުވާތެރިވެ، ދީނީ ވާޖިބުތައް ފުރިހަމައަށް އަދާކުރާ ކުއްޖަކަށްވުމާއެކު މައިންބަފައިންނަށް ކިޔަމަން ވުމަކީ ކިޔަވާ ކުއްޖެއްގެ އެންމެ އިސްވާޖިބެއްކަމުގައި ހެދުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި ކޮންމެ ކަމެއްގެ ކާމިޔާބީގެ އަސްލަކީ އެންމެން ގުޅިގެން މަސައްކަތް ކުރުން ކަމުގައި ޝިޔާމް ވިދާޅުވިއެވެ.