ދުނިޔޭގެ ކުރިއަރާފައިވާ އިގްތިސޯދުތަކަށްވުރެ މިއަހަރު އަލަށް ކުރިއަރަމުން އަންނަ އިގްތިސޯދުތަކަށް ޓުއަރިސްޓުން ޒިޔާރާތް ކުރާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިއަދު ފެށި 3 އާރު ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރު ވިދާޅުވީ އަވަސް ދުވެއްޔެއްގައި ރާއްޖޭގެ ޓުއަރިޒަމް ތަރައްގީވެ ކުރިއަރަމުންދާ ގައުމަކަށް، ކުރިއަރާފައިވާ ގައުމުތަކަށްވުރެ ގިނައިން ފަތުރުވެރިން އައުމަކީ އޭގެ ސަބަބުން ސަގާފީ ކަން ކަމަށާއި ތިމާވެއްޓަށް "އިމްޕެކްޓް" އެއް އަންނާ ކަމެއް ކަމަށެވެ.

"ފުރަތަމަ ފަހަރަށް ފޯކާސްޓުތަކުން ބުނާގޮތުގައި ތަރައްގީވެ ބޮޑަށް ކުރިއަރައިގެން ގޮސްފައި ހުރި ގައުމުތަކަށްވުރެ ގިނައިން މިއަހަރު ޓުއަރިސްޓުން އަންނާނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް. އެފަދަ ބޮޑު ބަދަލުތަކެއް އަންނަ އިރު ސަގާފީ އަދި ތިމާވެއްޓަށް އޭގެ ސަބަބުން އިމްޕެކްޓްތަކެއް އަންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ މިއަހަރު ރާއްޖެއަށް ގިނަ އަދަދަކަށް ޓުއަރިސްޓުން އަންނާނެ ކަމަށް ލަފާކުރެވޭއިރު ކުނި މެނޭޖުކުރުމުގެ ރަނގަޅު ނިޒާމެއް ނެތްކަމުގައި ވަނީނަމަ ތިމާވެއްްޓައް ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޓުއަރިޒަމަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ޖީޑީޕީގެ ހަތަރުބައިކުޅަ އެއްބައި ކަވަރު ކުރަނީ ޓުއަރިޒަމް ކަމަށްވާއިރު މިއަހަރު 1.3 މިލިއަން ޓުއަރިސްޓުން ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.