އަސްކަރީ އިންގިލާބެއްގައި މަގާމުން ދުރުކޮށްފައިވާ މިސްރު ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ މައްޗަށް ކުރި މަރުގެ ހުކުމާއި ޖަލު ހުކުމް އިސްތިއުނާފުކޮށްފި އެވެ.

މުރުސީ މަރަން ހުކުމްކޮށްފައި ވަނީ މިދިޔަ މޭ މަހުގެ 16 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ ހުސްނީ މުބާރަކުގެ ވެރިކަމުގައި 2011 ވަނަ އަހަރު ޖަލު ފަޅާލައި ނިކުމެ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގަ އެވެ.

އަދި މުރުސީ އުމުރަށް ޖަލަން ލާން ހުކުމް ކޮށްފައި ވަނީ ވެރިކަމުގައި ހުންނަވައިގެން ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ލުބްނާންގެ ހިޒްބުﷲ ޖަމާއަތަށާ އަދި އީރާނަށް ޖާސޫސްކޮށް ދިންކަން ސާބިތުވުމާގުޅިގެންނެވެ.

މުރްސީގެ ގާނޫނީ ޓީމުން ބުނީ އޭނާގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމުގެ އިތުރުން މުރުސީ ނިސްބަތްވާ މުސްލިމްބްރަދަހުޑް ޕާޓީގެ ބައެއް މެންބަރުން ކުރި މަރުގެ ހުކުމާއި ޖަލުގެ ހުކުމްވެސް އިސްތިއުނާފު ކުރަން ހުށަހަޅާފައިވާ ކަމަށެވެ.

މުރުސީ މިސްރުގެ ރައީސް ކަމުގައި ހުންނަވަނިކޮށް އޭރުގެ ދިފާއީ ވަޒީރު އަބްދުލްފައްތާޙް އައްސީސީ އަސްކަރީ އިންގިލާބެއް ގެންނަވައި މުރުސީގެ ވެރިކަން ވައްޓާލާފައި ވަނީ 2013 ވަނަ އަހަރުގެ ޖުލައި މަހުގެ ތުބެއްގަ އެވެ.

މި އިންގިލާބު ގެނައުމަށް ސީސީ އިސްކޮށް ހުންނަވައިގެން މިސްރު ސިފައިން ހިންގި އަނިޔާވެރި އަމަލުތަކުގައި މިސްރު ރައްޔިތުންގެ 3800 މީހުން ދެދުވަހުގެ ތެރޭގައި މަރާލާފައިވެ އެވެ. އަދި އެއަށް ފަހު ކުރިޔަށްދިޔަ އިންތިގާލީ މަރްހަލާގައާއި މިސްރުގެ ވެރިކަމާ ސީސީ ހަވާލުވެ ވަޑައިގެންނެވިފަހުން މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް 2000 އަށް ވުރެ ގިނަ މީހުން މަރާލާފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް މިއިން އެއްވެސް ޖަރީމާއެއް ބަލައި ތަހްގީގް ކުރުމުގެ މަސައްކަތް މިސްރުގެ އެއްވެސް އިދާރާއަކުން ކޮށްފައެއް ނުވެ އެވެ.

ވެރިކަމުން ދުރުކުރުމަށް ފަހު މިއަދާ ހަމައަށް ވެސް މުރުސީ ހުންނަވަނީ އަސްކަރީ ޖަލެއްގައި ބަންދުކޮށްފަ އެވެ. އަދި މުރުސީ ނިސްބަތްވެވަޑައިގަންނަވާ މިސްރުގެ އެންމެ ބޮޑު ސިޔާސީ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތަކީ ވެސް ޓެރަރިސްޓް ޖަމާއަތެއް ކަމަށް މިސްރުގެ ކޯޓަކުން ވަނީ ހުކުމް ކޮށްފަ އެވެ.