16 Aug 2015, 13:06
ގައުމީ އިނާމާއި އެކި ދާއިރާތަކުން މަތީ ދަރަޖަ ހޯދާފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ގައުމީ އިނާމުގައި ހިމެނެނީ ދެ ގިންތިއެކެވެ. އެއީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.
އިތުރު މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމެއްގައި ގައުމީއިނާމާ ބެހޭ ކޮމިޓީގެ ޗެއާމަން އަބްދުއްރަޝީދު ހުސައިން ވިދާޅުވީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެވޭނީ ވަކި ފަރުދަކު ދިވެހި ގައުމަށާއި މުޖުތަމައަށް ފައިދާހުރި ގޮތެއްގައި ދިގު މުއްދަތަކަށް ހިދުމަތްކޮށްފައި ވުމުންކަމަށެވެ. ދިގު މުއްދަތުކަމަށް ބެލޭނީ އެމީހަކު އެ ދާއިރާއެއްގައި މަދުވެގެން 35 އަހަރު ހިދުމަތްކޮށްފައި ވުމުން ކަމަށެވެ. ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ފަރާތެއް ނަމަ އެމީހަކަށް އެއިނާމު ލިބުނުތާ 10 އަހަރުވެފައި، އެ ދާއިރާގެ ހިދުމަތުގައި އެކު ޖުމްލަ 35 އަހަރު ވުމުންނެވެ.

ގައުމީ އިނާމު ދޭނީ އަމިއްލަ ގޮތުން ނުވަތަ އެހެން ފަރުދަކު ނުވަތަ ޖަމިއްޔާއަކުން ނުވަތަ ޖަމާއަތަކުން ނުވަތަ ކުންފުންޏަކުން އިނާމަށް ހުށަހަޅާފައިވާ ފަރާތްތަކަށާއި ދައުލަތުގެ އިދާރާއަކުން ނުވަތަ މިނިވަން މުއައްސަސާއަކުން ނުވަތަ ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ކުންފުންޏަކުން އިނާމަށް ހުށަހަޅާފައިވާ ފަރާތްތަކަށެވެ. ގައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރޭގައި ޖުމްލަ 31 ދާއިރާއެއް ހިމެނެ އެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ. ހިތްވަރުދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ. ފައިސާގެ އިނާމެއް ނުދެއްވަ އެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާ ބެހޭ ގޮތުން ހާއްސަ އިނާމާ ބެހޭ ކޮމިޓީގެ ޗެއާމަން އަދި ފިޝަރީޒް މިނިސްޓަރު ޑޮކްޓަރު މުޙަންމަދު ޝައިނީ ވިދާޅުވީ އެ އިނާމަކީ ހިތްވަރާއި ހުނަރުން ހޯދާ ކާމިޔާބީތައް ގައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެއް ކަމަށެވެ. އެ އިނާމު ދިނުމުގެ މަގްސަދަކީ ރާއްޖެ އަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި ހިތްވަރާއިހުނަރާއި މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމާއި އިލްމީގޮތުން މަތީ ވަނަތަކާއި ޝަރަފު ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިހްތިފާލުކޮށް އެ ފަރާތްތަކުގެ އަގުވަޒަންކުރުން ކަމަށް ވެސް ސަރުކާރުން ބުންޏެވެ. އެ އިނާމު ދެވޭނީ ޖުމްލަ ފަސް ދާއިރާއަކުންނެވެ.

އޭގެތެރޭގައި ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލްކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލްކޮށްފައިވުމާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދުމާއި ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ އެނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެ މަތީވަނަ ނުވަތަ ޝަރަފް ހޯދުން ހިމެނެ އެވެ.
އޭގެ އިތުރުން ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ހައްލެއް ހޯދުނުމުގެ ގޮތުން އާ އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދުމާއި، ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން ހިމެނެ އެވެ.
ގައުމީ އިނާމަށް ނަން ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭޝަރުތުތަކާއި އެހެނިހެން ތަފްސީލު ރައީސް އޮފީހުގެ ވެބްސައިޓުގައިވަނީ ޝާއިއުކޮށްފަ އެވެ.