16 Aug 2015, 12:12
ކޮލަންބޯ (އޮގަސްޓް 16) : މާދަމާ ސްރީލަންކާގައި ފެށޭ ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.
އިންތިޚާބުގެ ކޭންޕޭންގެ އެންމެފަހުގެ އެއްވުންތަކުގެ ތެރެއިން އެއްވުމެއްގައި ވާހަކަ ދައްކަވަމުން ރާޖަޕަކްސާ ވިދާޅުވީ ރައްޔިތުންގެ ތާއީދުލިބި އޭނާގެ ޕާޓީ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) އަށް ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބު ކުރެވި ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބުމުން ރައީސް ސިރިސޭނާ އަށް ޖެހިވަޑައިގަންނަވާނީ ރައްޔިތުންގެ އެދުންތަކަށް ދީލާލައްވާށެވެ. މިއީ ޔޫޕީއެފްއޭ އިން އިންތިޚާބު ކާމިޔާބުކުރިނަމަވެސް ބޮޑުވަޒީރުކަން ރާޖަޕަކްސައާ ހަވާލުނުކުރައްވާނެ ކަމަށް ވިދާޅުވެ ސްރީލަންކާގެ ރައީސް މައިތުރިޕަލަ ސިރިސޭނާ ދާދިފަހުން ދެއްވި ބަޔާނަށް އިޝާރާތް ކުރައްވައި ރާޖަޕަކްސަ ވިދާޅުވި ބަސްފުޅެކެވެ.
ސިރިސޭނާ އާއި ރާޖަޕަކްސައަކީ ޔޫޕީއެފްއޭ އަށް ނިސްބަތްވާ ދެބޭފުޅުންނެވެ. ސިރިސޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރާޖަޕަކްސަގެ ދުވަސްވަރު އޭނާގެ އާއިލާއިންނާއި ގާތްމީހުން ހިންގި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކުގެ ސަބަބުންނާއި މުސްލިމުންނާއި ތަމަޅައިންނާމެދު ރާޖަޕަކްސަ ކަންތައްތައް ކުރެއްވި ގޮތުން ސްރީލަންކާގެ ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރްސަތު ޔޫޕީއެފްއޭ އަކަށްނެތެވެ. އެހެންކަމުން ސިރިސޭނާ ބޭނުންފުޅުވަނީ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) އިންތިޚާބު ކާމިޔާބުކޮށްގެން އޭޕާޓީގެ ލީޑަރު ރަނިލް ވިކްރަމަސިންހ ބޮޑުވަޒީރުކަމަށް ގެނައުމަށެވެ.
ސިރިސޭނާގެ ނަޒަރުގައި ތަމަޅައިންނާއި މުސްލިމުންގެ ތާއީދުއޮތީ ޔޫއެންޕީ އަށެވެ. އަދި ސިންގަޅައިންގެ ތެރޭގައި ވެސް ހިމެނޭ ތައުލީމީ ޔާފުތާގެ މީހުންނާއި މުހްތަރަމް މީހުންގެ ތާއީދުއޮތީ ޔޫއެންޕީ އަށެވެ. އެހެންކަމުން ސިރިސޭނާ ގެންދަވަނީ ސްރީލަންކާގެ ބޮޑު ވަޒީރުކަމަށް ރާޖަޕަކްސާ ވަޑައިގަތުމަށް ކުރައްވާ މަސައްކަތްތަކަށް ހުރަސް އަޅުއްވައި އަދި ރަނިލްއަށް ކަންކަމުގައި މަގުފަހިކޮށްދެއްވަމުންނެވެ.
ރާޖަޕަކްސަ ވިދާޅުވީ ސިރިސޭނާގެ ސަރުކާރަށް ތަރައްގީގެ އެއްވެސްކަމެއް ނުކުރެވޭ ކަމަށާއި އެސަރުކާރަކީ ފިޔަވަޅުމަތީގައި ފިޔަވަޅު އަޅައި ފިނިހަކަ ދުވެލީގައި މަސައްކަތްކުރާ ސަރުކާރަކަށް ވާތީ ރައްޔިތުން މިކަން ދަނެ އޭނާ ބޮޑުވަޒީރުކަމަށް ގެނައުމަށް މަގުފަހިވާ ވަރަށް ޔޫޕީއެފްއޭގެ ކެންޑިޑޭޓުންނަށް ވޯޓު ދޭނެކަމުގަ އެވެ. ރާޖަޕަކްސަގެ ދުވަސްވަރު ކޮރަޕްޝަންގެ އަމަލުތައް ގިނަކަމުގެ ތުހުމަތުތައް ކުރެވުނުނަމަވެސް ސްރީލަންކާގެ އެއްވެސް ސަރުކާރަކަށް އުމްރާނީ ތަރައްގީގެ ކަންތައްތައް ނުގެންދެވޭ ވަރަށް ރާޖަޕަކްސަގެ ވެރިކަމުގައި ތަރައްގީގެ މަޝްރޫޢުތައްވަނީ ތަންފީޒުކޮށްފައިވާކަން ވަނީ ހާމަވެފަ އެވެ. (ރޮއިޓާސް)