ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ޖަލުތަކުގައި ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ގެންދާގޮތް ބެލުމާއި އެކަންކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަވިސްގެ ޓީމެއް ރޭ މެލޭޝިއާ ޕްރިޒަން އެކަޑަމީއަށް “ސުޓަޑީ ޓުއާ” އެއްގައި ފުރައިފި އެވެ.

އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދަތުރުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ކަރެކްޝަނަލް ސާވިސްގެ އިސް ފަރާތްތައް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ އެ ދަތުރުގައި މެލޭޝިއާގެ އަންހެން ޖަލުތަކާއި ފިރިހެން ޖަލުތަކަށް ޒިޔާރަތްކޮށް އެޖަލުތަކުން ދަތުރުގެ ބައިވެރިން މަޢުލޫމާތު ހޯދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ވިދާޅުވީ އެ ދަތުރުގައި މެލޭޝިއާ ޕްރިޒަން ތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ބައްލަވައި، އެކަންކަން އިމްޕްލިމެންޓް ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މެލޭޝިއާ ޕްރިޒަން އެކަޑަމީއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ތަރައްޤީ ކުރުމަށް އެކިއެކި ޓްރެއިނިން ޕްރޮގްރާމްތައް ހިންގައި، އޮފިސަރުން ތަމްރީނު ކުރުމަށް ވަރަށްބޮޑު އެހީތެރިކަމެއް ދެމުންގެންދާ ފަރާތެއް ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.