ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކުޑަކޮށް ތިމާވެއްޓަށް ފަސޭހަވާނެ ގޮތްތަކެއް އެކުލަވާލުމަށް ތައްޔާރުކޮށްފައިވާ ބައިނަލްއަގުވާމީ މިންގަނޑު 3 އާރު (ރިޑިއުސް، ރިސައިކަލް، ރިޔޫސް)ގައި ރާއްޖޭގެ 99 ރިސޯޓަކުން ބައިވެރިވެއްޖެ އެވެ.

ދަރުބާރުގޭގައި މިއަދު ފެށި 3 އާރު ފޯރަމްގައި "މާލޭ 3 އާރު ޑިކްލެރޭޝަން"ގައި ބައިވެރިވުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. އަދި ރިސޯޓުތައް ތަމްސީލުކުރާ އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ މޯލްޑިވިސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކެވެ.

މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ރިސޯޓުތަކުގައި ކުނި މެނޭޖުކުރާ އިރު ތިމާވެއްޓަށް ގެއްލުން ނުވާނޭ ފަދަ ނިޒާމުތަކެއް އެކުލަވާލައި ބޭނުން ކުރަން ފަށާނެ ކަމަށް ސަމިޓް އިންތިޒާމު ކުރި ފަރާތުން ބުންޏެވެ. އެގޮތުން ކުނި މެނޭޖު ކުރުމުގައި ވަކި މިންގަނޑެއް ކަނޑައަޅައި ގިނަ ގޮތްތަކެއް އެކުލަވާލުމުން ގިނަ ބަޔަކަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާއިރު އޭގެ ސަބަބުން ޓޫރިޒަމްގެ ދާއިރާއަށް ލިބޭ ފައިދާ ބޮޑުވެގެންދާނެ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ވިދާޅުވީ ރާއްޖޭގެ 106 ރިޒޯޓެއްގެ ތެރެއިން މިއަދު އެ އެއްބަސްވުމުގައި 99 ރިޒޯޓުން ބައިވެރިވެފައިވާ އިރު ކުރިއަށް އޮތްތާގައި އެހެން ރިސޯޓުތަކުން ވެސް ބައިވެރިވާނެ ކަމަށެވެ.

ރާއްޖެ އަށް ޓޫރިސްޓުން އަންނަނީ ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކުގެ ރީތިކަން ބަލާލުމަށް ކަމަށާއި އެ އެއްބަސްވުމާ އެކު އެތަންތަނުގެ ރައްކާތެރި ކަމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ދަރުބާރުގޭގައި ފެށި ފޯރަމްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަދު ފެށި 3 އާރު ފޯރަމް އަކީ މިހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ފޯރަމެކެވެ. އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގައި ކުނި މެނޭޖް ކުރުމާ ބެހޭ 3 އާރް ފޯރަމްގައި ދުނިޔޭގެ 33 ގައުމަކުން ވަނީ ބައިވެރިވެފަ އެވެ.

އެ ފޯރަމްގައި ސަރުކާރުތަކުގެ ފަރާތުން 141 ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެ އެވެ. އޭގެ ތެރޭގައި އަށް މިނިސްޓަރުންނާއި ހަތަރު ސްޓޭޓް މިނިސްޓަރުންނާއި މޭޔަރަކާއި ގަވާނާއެއް ހިމެނިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ގައުމުތަކުގެ ސަރުކާރުތައް ތަމްސީލު ކުރައްވާ ބޭފުޅުންގެ އިތުރުން އެކި އެކި ޖަމާއަތްތައް ތަމްސީލުކުރައްވާ 111 ބޭފުޅުންނާ އެކު ޖުމްލަ 250 ބޭފުޅުން އެ ފޯރަމްގައި ބައިވެރިވަޑައިންނަވާނެ އެވެ.

ސަރަހައްދީ 3 އާރް ފޯރަމަކީ ޔުނައިޓެޑް ނޭޝަންސް ސެންޓަ ފޯ ރީޖަނަލް ޑިވެލޮޕްމެންޓް ( ޔޫއެންސީއާރްޑީ) އާއި ޖަޕާނު ސަރުކާރު ގުޅިގެން އިންތިޒާމްކުރާ ފޯރަމެކެވެ. އޭޝިއާ ޕެސިފިކް ސަރަހައްދަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފޯރަމެކެވެ. ރާއްޖޭގައި ބާއްވާ ފޯރަމް އަކީ އެ ސިލްސިލާގެ ހަވަނަ ފޯރަމެވެ.