16 Aug 2015, 11:57
ދެހާސް ފަނަރަ ވަނަ އަހަރު ޗެރިޓީ ހަރަކާތް ނުވަތަ އިންސާނިޔަތައް އެންމެ ގިނަ އެހީ ފޮރުކޮށްދިފައިވާ ކުޅިވަރު ކުޅުންތެރިޔަކީ ރެއާލް މެޑްރިޑަށް ކުޅެމުންގެންދާ ޕޯޗްގަލްގެ ކެޕްޓަން ކްރިސްތިއާނޯ ރޮނާލްޑޯ ކަމަށް އެމެރިކާގެ ވެބްސައިޓެއް ކަމަށްވާ 'އެތުލެޓިކްސް ގޯން ގުޑް'އިން ހާމަކޮށްފި އެވެ.
އެތުލެޓިކްސް ގޯން ގުޑްއިން ބުނެފައި ވަނީ ރޮނާލްޑޯ އެލިސްޓްގެ އެންމެ ކުރީގައި ހިމެނުނީ ސިކުނޑީގެ ބަލިމަޑުކަން ކުރިމަތިވެފައިވުމުން ސިކުނޑީގެ ސާޖަރީ ހަދަން ޖެހިފައިވާ އުމުރުން ދިހަ އަހަރުގެ ކުޑަކުޖައްކަށް 83000 ޑޮލަރު ހޭދަ ކޮށްފައިވުމާއި ރޮނާލްޑޯގެ މެންމަގެ ކެންސަރު ބައްޔަށް ފަރުވާ ކުރުމުގެ ގޮތުން ޕޯޗްގަލްގެ ކެންސާ ސެންޓާއަށް 165000 ޑޮލަރުގެ އެހީ ފޮރުކޮށް ދީފައިވާތީ އެވެ.
މީގެ އިތުރުން ބަނޑުހައި ހޫނު ކަމުގައި ދިރިއުޅޭ ކުޑަ ކުދިންނަށާއި އޮބޭސިޓީގެ ސަބަބުން ތަފާތު ބަލިމަޑުކަން ތަހަންމަލް ކުރަމުންދާ މީހުންނާއި ބަޔޯޑައިވެސޓީގެ މައްސަލައިގައި އަޑުއުފުލުމަށް ގްލޯބަލް ސްޕޯކްޕާސަން އެއްގޮތުން ރޮނާލްޑޯ މަސައްކަތް ކުރަމުންދާތީ ކަމަށް އެތުލެޓިކްސް ގޯން ގުޑްއިން ބުނެފައިވެ އެވެ.
މި ލިސްޓގެ ދެ ވަނަ ލިބެނީ މަޝްހޫރު ރެސްލާ ޖޯން ސީނާއަށެވެ. ލިސްޓްގެ ތިން ވަނަ ލިބެނީ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ޝެރީނާ ވިލިއަމްސްއަށެވެ.
ލިސްޓްގެ ހަތަރު ވަނަ ލިބެނީ ދެކުނު ކޮރެއާގެ މަޝްހޫރު އަންހެން ސްކޭޓަރު ޔޫނަ ކިމްއަށެވެ.
އެތުލީޓްސް ގޯން ގުޑްއިން އެކުލަވާލީ އެންމެ ގިނައިން އިންސާނިއްޔަތައް އެހީތެރިން ފޯރުކޮށްދޭ 20 އެތުލީޓުންގެ މިލިސްޓްގައި ފުޓްބޯޅަ ކުޅުންތެރިންގެ ގޮތުގައި ހިމެނެނީ ރޮނާލްޑީގެ އިތުރުން ބާސެލޯނާގެ ފޯވަޑް ބްރަޒިލްގެ ނޭމާ ޑަސިލްވާ އެވެ. އޭނާ ހިމެނެނީ ފަސް ވަނައިގަ އެވެ.
ނޭމާ އަށް މިލިސްޓްގެ ފަސް ވަނަ ލިބެނީ އެބޯލާ ނައްތާލުމަށް ފެށި ކެމްޕޭންގައި އޭނާ ބައިވެރިވެފައިވާތީއާއި ބްރަޒިލްގެ އެކި ހިސާބުތަކަށް ސާފް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތައް އެހީތެރިކަން ފޯރުކޮށްދީފައިވާތީއާއި ނޭމާ އިންސްޓްޓިޔުޓް ޕްރޮޖެކްޓްގެ ދަށުން ބްރަޒިލްގެ ޕެރާއާ ގްރޭންޑްގައ އެޑިއުކޭޝަނަލް ސްޕޯޓްސް ކޮމްޕެލެކްސް އެއް އެޅުމަށް ކޮށްފައިވާ ހެދާއާއި ގުޅިގެންނެވެ.
މިލިސްޓް އެކުލަވާލުމުގައި އެތުލީޓްސް ގޯން ގުޑްއިން ވަނީ ތިން ކްރައިޓީރިއާއެއް ގެންގުޅެފަ އެވެ. އެއީ ނޮމިނޭޝަން ލިސްޓެއް ނެރުމަށް ފަހު އާމުން އެލިސްޓުން ވޯޓްދީގެންނާއި ސޯޝަލް މީޑިއާގައި އެތލީޓުންނަށް އޮތް ތާއީދާއި އެތލެޓިކްސް ގޯން ގުޑްގެ އެޑްވައިޒަރީ ބޮޑުން ވޯޓްދޭ ގޮތެއްގެ މަތިންނެވެ.