16 Aug 2015, 10:29
ކުރިއަށް އޮތް ހަފްތާގައި ރާއްޖޭގެ އެއްވެސް ރަށަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ނުބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މިދިޔަ ހަފްތާގެ ފަހުކޮޅުގައި ވަނީ މޫސުންގޯސްވެ ދިޔަވަރު ބޮޑުވާ ވަގުތު މާލެ އަށާއި ދެކުނުގެ ބައެއް ރަށްތަކަށް ވަރަށް ބޮޑަށް އުދައަރައިފަ އެވެ.
މޯލްޑިވްސް މީޓިއޮރޮލަޖީ ސާވިސް(މެޓް) އޮފީހުގެ ޑެޕިއުޓީ ޑައިރެކްޓާ ޖެނެރަލް އަލީ ޝަރީފް މިއަދު ސަން އަށް ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"މިވަގުތަށް އުދަ ތަންކޮޅެއް މަދުވެފައި މިއޮތީ އިނގޭތޯ، މިހާރު އަޅުގަނޑުމެން ލަފައެއް ނުކުރަން މިހަފްތާގައި އުދައިގެ އަސަރެއް ކުރާނެ ކަމަކަށް." އަލީ ޝަރީފް ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި އެެރި އުދާގައި މާބައިދޫ ގައި ލޮނުގަނޑު ފެތުރިފައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް
އުދައިގެ އަސަރު ނުކުރި ނަމަވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ކަމަށް އޭނާ ވިދާޅުވި އެވެ.
މެޓު އޮފީހުން މައުލޫމާތުދޭ ގޮތުގައި މިއަދު މެންދުރު ފަހު ރާއްޖޭގެ އުތުރާއި މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާއިރު ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ އެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭއިރު ވިލާ ގަނޑުގައި ގަނޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ. ރާއްޖޭގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
މިދިޔަ ހުކުރު ދުވަހު ކުރި ވިއްސާރާގައި އައްޑޫ ސިޓީ އަށާއި ފުވައްމުލަކަށް ވަނީ އެކުވަރުގެ ގެއްލުންތައް ވެފަ އެވެ.