ބެއިޖިންގް (އޮގަސްޓް 16) : ޗައިނާގެ ކާރުޚާނާތަކާއި ސިނާޢީ ތަންތަނާއި ކެމިކަލް ރައްކާކުރާ ގުދަންތައްފަދަ ތަންތަނުގައި ހިނގަމުންދާ އެކްސިޑެންޓްތައް އިތުރުވަމުންދާތީ އެފަދަ ތަންތަނުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަލުން މުރާޖައާކޮށް ރަނގަނޅު ކުރަން ޖެހޭ ކަންކަން ރަނގަނޅުކޮށް ޒަމާނީ ސްޓޭންޑަޑަށް އެކަންކަން ގެނައުމަށް އެގައުމުގެ ރައީސް ޝީޖިން ޕިން އަމުރުކުރައްވައިފި އެވެ.
ޗައިނާގެ ޒިންހުވާ ނޫސްއެޖެންސީ ބުނާގޮތުން ރައީސް ޝީޖިން ޕިން މިކަމަށް އަމުރުކުރެއްވީ ރިޔާސީ ޑިކްރީއަކުންނެވެ. މިޑިކްރީގައި ޗައިނާގެ ސިނާޢީ ހުރިހާ ތަނެއްގެ ސަލާމަތީ ކަންކަމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެއްތުމަށް އަމުރުކުރައްވާފައިވެ އެވެ.

ޗައިނާއަކީ ސިނާއީ އެކްސިޑެންޓްތައް ވަރަށް ގިނަ ގައުމެކެވެ. ސިނާއީ އެކްސިޑެންޓްތަކުގައި އެގައުމުގެ އެތަށް ސަތޭކަ ބަޔަކު ކޮންމެ އަހަރަކު ނުކުޅެދޭ ހާލަތަށް ދާކަމަށް ރިޕޯޓްތައް ބުނެ އެވެ. ޗައިނާގެ ސިނާއަތު ކުރިއަރަމުންދާ އެތަންތަނުގެ ދުވެލީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަރައްގީ ކުރެވިފައިނުވުމަކީ މިފަދަ އެކްސިޑެންޓްތަކުގެ މައިގަނޑު ސަބަބުކަމަށް ކަމާ ބެހޭ ތަހްގީގްތަކުން ހާމަވެފައިވެ އެވެ.

މިދިޔަ ހަފްތާގައި ޗައިނާގެ އުތުރުގެ އައްސޭރި ފަށުގެ ސިނާޢީ ރަށެއްކަމަށްވާ ޓިޔާންޖިންގެ ކެމިކަލް ގުދަނެއްގައި ގޮވި ބާރުގަދަ ދެ ގޮވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 112 އަށްވުރެ މައްޗަށް ގޮސްފަ އެވެ. މިހާދިސާގައި މަރުވި މީހުންގެ އަދަދު މައްޗަށްގޮސްފައި ވަނީ އެ ދެގޮވުމުގައި ޒަޚަމްވި މީހުންގެ ތެރޭގައި ފުރާނައަށް ނުރައްކާވާ ހާލަތުގައި ތިބި މީހުންގެ އަދަދު ގިނަކަމުންކަމަށް ޗައިނާގެ މަސްއޫލުވެރިން ވިދާޅުވެ އެވެ.
ޓިޔާންޖިންގެ ސިނާއީ ސަރަހައްދުގައި މިދިޔަ ހަފްތާގައި ގޮވި ބާރުގަދަ ދެގޮވުމަކީ ރައްކާތެރިކަމުގެ ފިޔަވަޅު ދަށްވުމާއި ފަރުވާކުޑަވުމުގެ ސަބަބުން ހިނގި އެކްސިޑެންޓެއްކަމަށް އެކަމާބެހޭ ޕްރައިމަރީ ތަހްގީގްތަކުން ހާމަވާކަމަށްވެ އެވެ. ރައީސް ޝީޖިން ޕިންވަނީ މިހާދިސާ ޚާއްސަ ސަމާލުކަމެއްދީގެން ތަހްގީގް ކުރުމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކަށް އަމުރުކުރައްވާފައެވެ. (ނޫސްއެޖެންސީތައް)