16 Aug 2015, 10:25
ސާޅީސް އަށް ވުރެ ގިނަ މައިގްރަންޓުން ނޫނީ، މުހާޖިރުން ޔޫރަޕަށް ހިޖުރަކުރުމުގެ މަގުމަތީގައި ވަނިކޮށް، މެޑިޓްރޭނިއަން ކަނޑުގައި މަރުވެފައިވާ ކަމަށް ނޫސްތަކުން ބުނެފި އެވެ.
އިޓަލީގެ ނޭވީ އާ ހަވާލާދީ ބައެއް ނޫސްތަކުން މިއަދު ބުނީ އެ މީހުން އިއްޔެ މަރުވީ ބޯޓުގެ ޑެކް ދަށުގައި ފިތި ބާރުވެ، ހާސްވެގެން ކަމަށެވެ. ނަމަވެސް 312 މީހަކު ސަލާމަތް ކުރެވުނު ކަމަށް ވެސް އިޓަލީ އިން ބުންޏެވެ.
"އޮޕަރޭޝަން ދަނީ ކުރިއަށް، ވަރަށް ގިނަ މައިގްރަންޓުން ސަލާމަތް ކުރެވިއްޖެ. އެންމެ މަދުވެގެން ވެސް 40 މީހަކު ވަނީ މަރުވެފައި،" އިޓަލީގެ ނޭވީ އިން ބުންޏެވެ.
ސީއެންއެން އިން މިއަދު ބުނީ އެ ހާދިސާގައި ސަލާމަތް ކުރެވުނު މީހުން، ނޯވޭގެ ސަޕްލައި ބޯޓެއްގައި، ކަނޑުމަތީން ނަގައި އެފަދަ މީހުންނަށް ރައްކާތެރިކަން ދިނުނަށް ޔޫރަޕިއަން ޔޫނިއަނުން ގާއިމުކޮށްފައިވާ ސެންޓަރަށް ގެންދިއުމުގެ މަގުމަތީގައިވާ ކަމަށެވެ.
މިދިޔަ މަހު ވެސް އިޓަލީ އިން ވަނީ ރަބަރު ޑިންގީ އަކާއި ލަކުޑި ބޯޓެއްގައި ލީބިޔާ އިން ފިލަން އުޅުނު 785 މީހަކު ސަލާމަތްކޮށްދީފަ އެވެ.
އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯ އެމްސީ) އިން ބުނީ އެފްރިކާގެ ސަބް ސަހާރާ އިން ފިލައިގެން ޔޫރަށް ދިއުމުގެ މަގުމަތީގައި ވަނިކޮށް މި އަހަރު އެކަނި ވެސް 2300 މީހުން މަރުވެފައިވާ ކަމަށެވެ.
އައިއޯ އެމްސީ އިން ބުނީ ގްރީކާއި އިޓަލީގެ ކޯސްޓުން ދުވާލަކު އެދަދަ 1000 މީހުންގެ މައްސަލަ ކުރިމަތިވާ ކަމަށެވެ.
އައިއޯ އެމްސީ އިން އެސްޓިމޭޓް ކުރާ ގޮތުގައި މި އަހަރުގެ އޯގަސްޓްގެ ނިޔަލަށް ޔޫރަޕްގެ ގައުމުތަކަށް ހިޖުރަ ކުރާ މީހުންގެ އަދަދު 250،000 އަށް އަރާނެ އެވެ.