މިދިޔަ ޖޫން މަހު 12 ވަނަ ދުވެހެވެ. އުރުމުން 21 އަހަރުގެ ޒުވާނާ އޭނާގެ ސައިކަލު ޕާކްކޮށްފައި ބެހެއްޓޭނީ ހީނާމާގޭ ޕާކިން ޒޯން ކައިރި އެވެ. އެ ސައިކަލް ގަތްތާ އޭރު ދެ މަސް ވެސް ނުވާނެ އެވެ. އިރުގަނޑެއްނުވެ ބެލިއިރު ސައިކަލެއް ނެތެވެ. ވަގުތުން ފުލުހުންނަށް ގުޅި އެވެ. އެ އަށްފަހު ޓެކްސީ ސެންޓަރަށް ގުޅި އެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް ސައިކަލެއް ނުފެނެ އެވެ. ކޮންމެ މަހަކު އިންސްޓޯލްމަންޓް ފައިސާ ދައްކަން އެބަޖެހެ އެވެ. މިއީ އެ ޒުވާނާއަށް އޮތް ހިތްދަތި މާލީ ބުރައެކެވެ.

މިއީ އެންމެ މީހެއް، ދެ މީހަކަށް ދިމާވާ ކަމެއް ނޫނެވެ. ވަރަށް އާންމުކަމެކެވެ. އަދި ފަހަކަށް އައިސް މާ އާންމެވެ. ސޯޝަލް މީޑިއާ އިން ސައިކަލެއް ހޯދުމަށް އިއުލާން ކޮށްފައި ހުއްޓާ ނުފެންނަ ދުވަހެއް މަދެވެ. ބައެއްގެ ނުލަފާ ރޭވުމެއްގެ ތެރެއިން ފޭރެމުން އެތައް ބައެއް އެ ވަނީ ފުންހިތާމައެއްގެ ތެރެއަށް ވައްޓާލާފަ އެވެ. ދަރާ ވިކިގެން ގަންނަ ސައިކަލު ވަގަށް ނެގުމުން ކުރާނެ އަސަރު ވިސްނާލާށެވެ. އާހިރު ނަތީޖާއަކަށް އެ ވަނީ ދުއްވާލަން ސައިކަލް ނުލިބި ކޮންމެ މަހަކު ފައިސާ ދައްކަންޖެހުމެވެ.

"ކޮންމެ ދުވަހަކުހެން ގުޅާ ސައިކަލެއް ގެއްލިގެން، ދެން އެހެން އުޅެމުން ބައެއް ޓެކްސީ ޑުރައިވަރުން ސައިކަލް ހޯދާ، އިނާމަކަށް ލިބޭނެ އޭރުން 1000 ރުފިޔާ،" ކުލީ ދުވެލީގެ ޓެކްސީ ޑުރައިވަރަކު ބުންޏެވެ.

ޑޮމެއިން ނަމްބަރު ޖަހާފައިވާ ސައިކަލްތަކެއް-- ސަން ފައިލް ފޮޓޯ

އެތައް ބައެއްގެ އަތުން ސައިކަލް ފޭރެމުން ދަނީ ތަފާތު އުކުޅުތައް ބޭނުންކޮށްގެންނެވެ. ބައެއް ފަހަރު ހެދޭ ކުޑަ ގޯހަކުން ސައިކަލް ވަގަށް ނަގަ އެވެ. އިތުބާރު ނުކުރެވޭ ރައްޓެހިންގެ އަތަށް ސައިކަލު ދިނުމުން ވަގަށް ޑަބަލް ތަޅުދަނޑި ހައްދަ އެވެ. ހަމައެއާއެކު ރަނގަޅަށް ތަޅުނުލެވޭ ފަހަރު ސައިކަލް ގެއްލުމުގެ ފުރުސަތު ބޮޑެވެ. ނުވަތަ އަނދިރި ސަރަހައްދު ތަކުގައި ސައިކަލް ޕާކު ކުރެވުމަކީ ސައިކަލް ވަގަށް ނަގާ މީހުންނަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އަދި ފަހަކަށް އައިސް ކިތަންމެ ރަނގަޅަށް ތަޅުލާފައި ހުއްޓަސް ވަގަށް ނަގަނީ އެވެ. ތުންތުން މަތިން ވާހަކަ ދެކެވޭ ގޮތުގައި އެކަން ކުރަނީ "މާސްޓާ ކީ" އެއްގެ އެހީގަ އެވެ.

މާސްޓާ ކީއަކީ އެ ބުރޭންޑެއްގެ ސައިކަލްތައް ހުޅުވޭ ތަޅުދަނޑިއެކެވެ. އުސޫލެއްގެ ގޮތުން އެ ތަޅުދަނޑި ގެންގުޅެނީ ކަމާ ބެހޭ އިދާރާތަކުންނެވެ. ނަމަވެސް އާންމުންގެ އަތަށް އެ ތަޅުދަނޑު އެވަނީ އަރާފަ އެވެ. ދެން ކަންވާނެ ގޮތް ވިސްނަވާށެވެ.

ވަގަށް ނެގުމަށްފަހު ސައިކަލަށް ބޮޑު ބަދަލުތަކެއް!

ވަގަށް ނަގާ ސައިކަލްތައް ގެންދާ ކަމަށް ވަނީ މާލޭގެ ގަރާޖުތަކަށެވެ. އެކަމަށް ހާއްސަ ބައެއް ގަރާޖުތައް ވެސް ހުންނަ ކަމަށްވެ އެވެ. އެ ގަރާޖުތަކަށް ގެންގޮސް ސައިކަލުގެ ބައިތައް ބަދަލުކޮށްލަ އެވެ. ސައިކަލުގެ ސުޕެއާއި ނަމްބަރު ބޯޑް ބަދަލު ކުރުމުގެ އިތުރުން އިންޖީނު ނަމްބަރު ކަހާލުމަށް ފަހު އެ ނަމްބަރު ވެސް ބަދަލުކޮށްލަ އެވެ. އެ ސައިކަލެއް ދެން އަނބުރާ ދެނެގަތުމަށް ބޭނުންވާ ހެކިތައް ފުހެލަ އެވެ.

"ވަގަށް ނަގާފައި މި ކުރާ ކަމަކީ އެއެއްޗެހި ރޫޅާލާފައި ޕާޓްސްތައް ވިއްކާލުމާއި، ގަރާޖުތަކުގަ މީގެ ބައެއް ކަންކަން އެބަ ހިނގާ. ބައެއް ގަރާޖުތަކަށް ގެންގޮސް ސައިކަލްތަކުގެ ސްޕެއާޕާޓްސްތައް އަޅުވާލުމާއި. ދެން ވަގަށް ނަގައިގެން މިކުރާ ކަމަކީ އިންޖީނާއި ޖެސިސް ނަމްބަރު ކަހާލަނީ، ކަހާލާފައި އާ އެއްޗެއްގެ ގޮތުގައި ނަމްބަރެއް ޖަހާފައި ރަޖިސްޓުރީ ކޮށްލަނީ،" ޓުރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވި އެވެ.

ބަދަލުކުރުމަށްފަހު ދެން ވިއްކާލަނީ!

ސައިކަލްތައް ވަގަށް ނެގުމަށް ފަހު އެއް ބަޔަކު ސައިކަލްތައް ބޭނުން ކުރަނީ ފިނި ބުރުޖެހުމަށެވެ. ނުވަތަ އެކިއެކި "ޖަރީމާތައް" ހިންގުމަށެވެ. ނަމަވެސް ގިނަ ފަހަރަށް އެ ސައިކަލްތައް ބޭނުން ކުރަނީ ވިޔަފާރިއަށެވެ. އެގޮތުން ސައިކަލަށް ބޮޑެތި ބަދަލުތަކެއް ގެނެސް ވިއްކާލަނީ އެވެ. ގިނަ ފަހަރަށް ރަޖިސްޓުރީއަކާއި ނުލައި ހެޔޮ އަގެއްގައި ވިއްކާލަނީ އެވެ. އަނެއްބައި ފަހަރު ކޮންމެ ވެސް ބާ ސައިކަލެއްގެ ރަޖިސްޓްރީއާ ބަދަލުކޮށްގެން ވިއްކާލަނީ އެވެ. ގިނަ ފަހަރަށް މާލެއިން ވަގަށް ނަގާ ސައިކަލްތައް ވިއްކާލަށް ފޮނުވަނީ އަތޮޅުތެރޭ ރަށްތަކަށް ކަމަށްވެއެވެ.

އަތޮޅުތެރޭ ރަށްތަކަށް ސައިކަލްތައް ވިއްކާލަން ފޮނުވާލެވޭ ވާހަކަ ދައްކާއިރު އެކަން ކޮންޓުރޯލް ކުރެވޭނެ ގޮތްތަކެއް ގާއިމް ކުރެވިފައި ނެތް ކަން ފާހަގަކުރެވެ އެވެ. ރަނގަޅަށް ބެލެހެއްޓެނީ މީރުބަހުރުވަ ބަނދަރުން އެކަންޏެވެ. އެ ބަނދަރުން ސައިކަލެއް ގެންދާނަމަ އެ ސައިކަލެއްގެ ރަޖިސްޓުރީ ދައްކަން ޖެހުނު ނަމަވެސް ދެން އެހެން ބަނދަރުތަކުން މޮނީޓާއެއް ނުކުރެވެ އެވެ. އެހެން ކަމުން ފަސޭހަކަމާ އެކު ސައިކަލްތައް މާލެއިން ބޭރުކުރެވެ އެވެ.

"އެގޮތަށް ބޭރު ކުރެވޭތީ މިވާ ގޮތަކީ މިސާލަކަށް ސައިކަލް ވަގަށް ނަގާފައި ނުވަތަ ވިއްކާލާފައި، ނުވަތަ ރައްޓެއްސަކު ލައްވާ ބޭރުކޮށްލިޔަސް އެކަން މޮނީޓާ ކުރެވޭނެ އަދި ކޮންޓުރޯލް ކުރެވޭނެ ގޮތެއް ނެތް،" ޗީފް ސްޓޭޝަން އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ސުޖާއު ވިދާޅުވި އެވެ.

ދާއިމީ ހައްލެއް ބޭނުންވޭ:

ވަގަށް ނަގާ ސައިކަލްތަކަށް ބަދަލުތައް ގެނެސް އަތޮޅުތެރޭ ރަށްރަށަށް ފޮނުވައި އެތައް ވަގު ވިޔަފާރިއެއް ކުރަމުންދާއިރު މިކަން ހުއްޓުވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ފަށަން މިހާރު ވެސް ލަސްވެއްޖެ އެވެ. ކަމާބެހޭ ފަރާތްތަކުން ބުނަނީ ޓުރާންސްޕޯޓް އޮތޯރިޓީ އާއި ފުލުހުންނާއި ގުޅިގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޕާކިން ޒޯނެއްގައި ސައިކަލުތަކެއް ޕާކު ކޮށްފައި: ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓުރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވި ގޮތުގައި އެރަށަކަށް އަރުވާ ބާލާ ސައިކަލްތައް ކޮންޓުރޯލް ކުރެވޭނެ ގޮތެއް ކަނޑައެޅުމަށް ކޮންމެ ރަށެއްގައި ދުއްވާ އުޅަދުތަކުގެ ދަފްތަރެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި މާލެއިން ބޭރުކުރާ ވެހިކަލްތައް ރަޖިސްޓުރީ ދެއްކުމަށްފަހު ނޫނީ ބޭރު ނުކުރެވޭނެ ގޮތެއް ހެދުމަށް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މާލެއިން ބޭރުވާއިރުގައި އެ ބޭރުވާ އުޅަނދުތަކުގެ ވެރިން ވެސް ރަޖިސްޓުރީ ދައްކާފައި ނޫނީ އެ އެއްޗެހި ނުގެންދިއުން. އެއީ އެއްގޮތަކަށް މާލޭ ކޮޅުގައި ކޮންޓުރޯލް ކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ،" ނާފިޒު ވިދާޅުވި އެވެ.

ވެހިކަލް ވަގަށް ނެގުމަށް ދިގު މުއްދަތަކަށް ހައްލު ހޯދުމަށް ސޮޕްޓުވެއާއެއް ހެދުމަށް ބަޔަކު ވަނީ ކަނޑައަޅާފައި ކަމަށާއި އެސޮފްޓުވެއާ ހެދުމުން އެ ސައިކަލަކީ ކޮން ރަށެއްގެ ސައިކަލެއްކަން އެނގޭނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.

މިހާ ފުޅާ ދާއިރާއެއްގައި މިކަން ކުރާނެ އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅައަކީ އަގު ބޮޑު އެސައިކަލް ރައްކާތެރި ކުރުމެވެ. އެކަން ކުރެވޭނެ ޒަމާނީ ވަސީލަތްތައް މިއަދު މި ވަނީ ގާއިމް ކުރެވިފަ އެވެ.

ކުރެވޭނެ ބައެއް ކަންކަން:

ޑިސްކް ލޮކް: އާންމުކޮށް 250 ރުފިޔާއަށް ގަންނަން ލިބޭ އެތަޅު ސައިކަލުގެ ފުރޮޅު ޑިސްކުގައި ހަރުކުރުމުން ސައިކަލް ތަޅުހުޅުވިޔަސް ފަސޭހައިން ސައިކަލް ނުގެންދެވޭނެ އެވެ. ސަބަބަކީ ސައިކަލުގެ ފުރޮޅު ތަޅުލެވިފައި ހުންނާތީއެވެ.

އެލާމް: ގާތްގަނޑަކަށް 550 ރުފިޔާއަށް ލިބޭ އެލާން ސިސްޓަމް ސައިކަލުގައި ހަރުކުރުމުން މީހަކު ސައިކަލު ގެންދަން އުޅޭނަމަ ނުވަތަ ސައިކަލުގައި އަތްލާ ހަދާނަމަ އެލާމްވާނެއެވެ.

ޖީޕީއެސް ޓުރެކާ: 2968 ރުފިޔާއަށް ވިއްކާ އެޑިވައިސް ސައިކަލުގެ މަޑިދަށުގައި ހަރުކުރުމުން ސައިކަލު އުޅެނީ ކޮން ތަނެއްގައިތޯ އޮންލައިންކޮށް ބަލާލެވެ އެވެ.

އެތައް ފައިސާއެއް ހަރަދުކޮށްގެން ގަންނަ ސައިކަލު ދުއްވަން ނުލިބި އެއަށް ފައިސާ ދައްކަދައްކާ ތިބި ޒުވާނުން މަދެއް ނޫނެވެ. މިކަމެއް މި ހިނގަނީ ބަޔަކު ވަރަށް ފާޅުގައި ހިންގާ ޖަރީމާތަކެއްގެ ސަބަބުންނެވެ. ބައެއްގެ ފޭރުމުގެ ސަބަބުން އެތައް ބައެއް އެ ވަނީ ދަރާފަ އެވެ. އަވަސް ހައްލެއް ބޭނުންވެ އެވެ.