15 Aug 2015, 21:48
ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް މަމްނޫން ޙުސައިނަށާއި ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ، އެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖްގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ބޭބޭފުޅުންނަށާއި ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް، މިނިވަން ދުވަހުގެ މުނާސަބަތުގައި، ވަރަށް އިޚްލާޞްތެރިކަމާ އެކު މަރްޙަބާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެ އެވެ. އަދި ރާއްޖެ އާއި ޕާކިސްތާނާ ދެ ގައުމުގެ ދޭތެރޭ އޮތް ގާތް އަޚުވަންތަ ގުޅުން ކުރިއަށް އޮތް ތާނގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެ، ޕާކިސްތާނުގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ކުރިއެރުމަށް ވެސް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި އެދިވަޑައިގެންފައިވެ އެވެ.