އަޅުގަނޑުމެންނަށް ހިތްޖަމަޖެހުމެއް ލިބޭނީ ކުޑަކުދިންނަށް ފުރިހަމަ ތައުލީމެއް ލިބުމުން ކަމަށާއި ތައުލީމީ ރަނގަޅު ބިންގަލެއްގެ މަތީގައި ކުޑަކުދިން ބޮޑުކުރެއްވިއްޖެނަމަ އަޅުގަނޑުމެން އެދޭ ހުވަފެން ހަގީގަތަކަށް ވެގެންދާނެ ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެމްޑީއޭއަށް މެމްބަރުން އިތުރު ކުރުމަށް ފައްޓަފާފައިވާ ދަތުރުފުޅުގައި އިނގުރައިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްވަމުން ސިޔާމް ވިދާޅުވީ ކުޑަކުދިންނަށް ފުރިހަމަ ތައުލީމެއް ދިނުމަށް މައިންބަފައިން އިސްކަން ދޭންވާނެ ކަމަށާއި ރާއްޖެ ތަރައްގީ ކުރެވޭނީ ތައުލީމީ ޖީލެއް ބިނާ ކުރެވިގެން ކަމަށެވެ. ތައުލީމީ ޖީލެއް އުފައްދައި ކުޑަކުދިންނާއި ޒުވާނުންނާއި އަންހެނުންގެ އިތުރުން މުސްކުޅިންނަށް އަޅާލުމާއި ލޯބި ދީފިނަމަ ގައުމު ތަރައްގީވާނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

ކުޑަކުދިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ޒިންމާ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު އަދާކޮށްފިނަމަ ދުނިޔޭގެ ކާމިޔާބު ލިބޭނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.

ރާއްޖޭއަކީ ސައްތައިންސައްތަ، ސުންނީ މުސްލިމުން ދިރިއުޅޭ ގައުމަކަށްވުމުން އުފާ ކުރަންޖެހޭ ކަމަށް ސިޔާމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ނަސީބުވެރި ބައެއް ކަމަށާއި އަޅުގަނޑުމެންނަށް ލިބޭ ނިއުމަތްތަކަށް ޝުކުރު ކުރަންޖެހޭ ކަމަށެވެ.

"އަބަދުވެސް ކާމިޔާބު ދެއްވަނީ ގިނަ ބަޔަކަށް ނޫން. މާތްﷲ ކާމިޔާބު ދެއްވަނީ އެކަލާންގެ އިރާދަ ކުރައްވާ ބަޔަކަށް. އެ ވެދާނެ މަދު ބަޔަކަށް ވެސް، އަދި އެންމެ މީހަކަށް ވެސް. ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރި ބަޔަކަށް ކާމިޔާބު އޮތީ. އެހެންވީމަ އަޅުގަނޑުމެން އެބަ ޖެހޭ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަޅުގަނޑުމެންނަށް ﷲ ސުބުހާނަހޫ ވަތައާލާ ދެއްވާފައިވާ އަމާނާތް [ކުޑަކުދިން] ރަނގަޅު ގޮތުގައި ބަލަހައްޓަން،" ދ. މީދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވި އެވެ.

އިނގުރައިދޫއަށް ސިޔާމް ވަޑައިގަތުމުން، އެ ރަށުގެ ރައްޔިތުން އެމަނިކުފާނުގެ އިސްތިގުބާލުގައި-- ސަން ފޮޓޯ

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެންމެ ބޭނުންވެފައި ވަނީ ރަނގަޅު ސިއްހީ ނިޒާމަކާއި ތައުލީމު ކަމަށެވެ.

އެމްޑީއޭއަށް މެމްބަރުން އިތުރު ކުރުމަށް ކުރިއަށް ގެންދިޔަ ދަތުރުފުޅުގައި ސިޔާމް އިއްޔެ ވަނީ ނ. ލަންދޫއަށް ވެސް ޒިޔާރަތް ކުރައްވާފަ އެވެ.

އިނގުރައިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ސިޔާމް ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ