15 Aug 2015, 17:08
ގިނަ ބައެއްގެ ތެރޭގައި މިހާތަނަށް ވެސް އެންމެ މަގުބޫލުވި އެކްޝަން ފިލްމަކީ ބޮލީވިޑްގެ މަޝްހޫރު ފިލްމް 'ޝޯލޭ' އެވެ. އެފިލްމުގެ ފަހުން އެފެންވަރުގެ އެކްޝަން ފިލްމެއް އަދި މިހާތަނަށް އުފެއްދިފައި ނުވާ ކަމަށް އެންމެން ވެސް ގަބޫލުކުރެ އެވެ.
މީގެ އެތަކެއް އަހަރު ކުރިން 1975 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ރިލީސްކުރި އެފިލްމަށް މިއަދު 40 އަހަރުވީ އެވެ.
އެފިލްމުގައި ގިނަ ބަޔަކު ހިތްދަތިވި އަދި އެންމެ ފާހަގަކޮށްލެވުނު އެއް މަންޒަރަކީ ފިލްމުގެ މައި ކެރެކްޓާ އަމީތަބް ބައްޗަން (ޖައި) މަރުވި މަންޒަރެވެ. ފިލްމު ރިލީޒް ކުރިތާ 40 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަ ދައްކަމުން އަމީތާބު ބުނީ ފިލްމު ނިމުނު އިރު ގިނަ ބަޔަކު އޭނާ މަރުވުމުން ހިތްހަމަ ނުޖެހި ދެރަވެފައި ތިބި ކަމަށެވެ.
އެހެންނަމަވެސް ފިލްމްގެ ނިންމުމަކީ އޭނާ އަށް އުފާވެރި ނިންމުމެއް ކަމަށް އަމީތާބް ބުންޏެވެ.
"އުފާވެރިކަން ލިބި އާބާދުވަމުން ދިޔަ އަންހެނެއްގެ ދިރިއުޅުން އަހަރެންގެ މަރުގެ ސަބަބުން ނިމުން އައި، އެކަމާ އަސްލު ބެލުންތެރިން ހިތްހަމަ ނުޖެހުނީ ނިންމުމާ މެދު،" އަމީތާބް ބުންޏެވެ.
ފިލްމަށް އުފާވެރި ނިމުމެއް ގެންނަން އަލުން ކްލައިމެކްސް ޝޫޓްކުރަން އެމީހުން ޚިޔާލު ކުރި ކަމަށް އަމީތާބު ބުންޏެވެ. ނަމަވެސް ފިލްމުގެ ނިންމުން ބަދަލުކޮށްފައެއް ނުވެ އެވެ.
ޝޯލޭއަކީ ހޮލީވުޑްގައި ވެސް މަޝްހޫރުވެގެން ދިޔަ ފިލްމެކެވެ. އެފިލްމުގެ ސަބަބުން ގިނަބައެއްގެ މަގުބޫލުކަން ލިބިގެން ދިޔަ އެފިލްމުގެ ތަރިންގެ ތެރޭގައި އަމީތާބް ބައްޗަން، ދަރްމެންދްރާ ކުމާރު، އަމްޖަދް ހާން، ހެމާ މާލިނީ އަދި ޖާޔާ ބައްޗަންވެސް ހިމެނެ އެވެ.
ގިނަބައެއްގެ މެދުގައި މަޝްހޫރުވެގެން ދިޔަ ޑައިލޮގްތަކެއް ހިމެނިގެން ދިޔަ އެފިލްމުގެ ހަނދާންތައް މިއަދުވެސް ގިނަ ބަޔަކު ދަނީ އާކުރަމުންނެވެ.