އެފްއޭކަޕް މުބާރާތް މިއަހަރު ނުބާއްވާ ގޮތަށް ނިންމައި އޭއެފްސީ ކަޕަށް ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަން ޓީމު ދާ ގޮތަށް އެފްއޭއެމުން ހަމަޖައްސައިފި އެވެ.

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދު ވިދާޅުވީ މިއަހަރު ފުޓްބޮޅަ ސީޒަން ލަހުން ފެށުމާއި ދަނޑުގެ ވިނަ ގަނޑަށް ދިމާވި މައްސަލަ އާއި ގުޅިގެން މިއަހަރުގެ ސީޒަން އަންނަ އަހަރު ޖެނުއަރީ މަހުގެ ކުރިން ވެސް ނުނިމޭނެ ކަމަށާއި އެހެންވެއްޖެނަމަ އޭއެފްސީއަށް ފޮނުވަންޖެހޭ ލިސްޓް ނުފޮނުވޭނެތީ މިއަހަރު އެފްއޭ ކަޕް ނުބާއްވަން ނިންމީ ކަމަށެވެ.

އެހެންކަމުން އޭއެފްސީ ކަޕަށް ދަނީ ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަން ޓީމް ކަމަށެވެ.

"ލީގު ނުނިމި ޖެނުއަރީގެ ފަހަތަށް ފަހަނަ އަޅައިފި ކަމުގައިވަނަމަ، ޖެނުއަރީގައި އޭއެފްސީއަށް ފޮނުވަންޖެހޭ ލިސްޓް ނުފޮނުވި ފޮނުވަންޖެހޭ ދެ ޓީމް އިންސާފުވެރި ކަމާއެކު ނުނިންމި ދާނެތީ އަނެއްކާ ވެސް ވަރަށް ބޮޑު މައްސަލައަކަށް ވެގެންދާނެ. އެފްއޭއެމްގެ ސިސްޓަމް މި އޮންނަ ގޮތުން އޭއެފްސީކަޕަށް މި ދަނީ ލީގު ޗެމްޕިއަން އާއި އެފްއޭކަޕްގެ ޗެމްޕިއަން ޓީމް. އެހެންވާއިރު އެފްއޭކަޕެއް ވެސް ނެތް ނިންމޭކަށް ލީގްވެސް ނެތް ނިންމޭކަށް. އެހެންވެ ލޯމަރާލާފަ ނިންމީ އެފްއޭކަޕް މި އަހަރު ނުބާއްވަ ގޮތަށް،" ޝަވީދު ވިދާޅުވި އެވެ.

ދިވެހި ލީގު 2000 ވަނަ އަހަރު ތައާރަފް ކުރުމުގެ ކުރިން އޭއެފްސީ ކަޕަށް ދަނީ ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަން ޓިމާއި އެފްއޭކަޕްގެ ޗެމްޕިއަން ޓީމެވެ.

ނަމަވެސް ދިވެހި ލީގު ތައާރަފް ކުރި ފަހުން އޭއެފްސީ ކަޕަށް ދަނީ އެފްއޭކަޕް ޗެމްޕިއަން ޓީމައި ދިވެހި ލީގް ޗެމްޕިއަން ޓީމެވެ.

ޕްޒިޑެންޓް ކަޕް ދެ ގުރޫޕަށް ބަހާލައިގެން އަންނަ މަހު މަހު 15 ގައި އައްޑޫ ސިޓީއާ ކުޅުދުއްފުށީގައި ފަށާ ގޮތަށް އެފްއޭއެމުން ވަނީ ނިންމާފަ އެވެ.