ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގައި 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫ ނުކުރާ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.

ޕީޕީއެމް އަށް ނިސްބަތްވާ، މާވަށު ދާއިރާގެ މެމްބަރު އަހުމަދު އަޒުހާން ފަހުމީ ހުށަހެޅުއްވި އިސްލާހު ކޮމެޓީ އިން ފާސްކޮށްފައި ވަނީ ކޮމެޓީ އަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތުފާގުން ނެވެ.

އިސްލާހުގައި ބުނެފައި ވަނީ ދައުލަތުގެ ބަޖެޓުންދޭ ފައިސާގެ އެހީ ލިބޭނީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަނި ކަމަށެވެ.

އިސްލާހުގައި ބުނެފައި އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ އިރު 10،000 މެމްބަރުން ހަމަ ނުވާ ޕާޓީއަކަށް ފައިސާ ދޫނުކުރާނެ ކަމަށެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެމްބަރަކަށް ވުމަށް އެދިފައިވާ 10،000 މީހުންގެ ސޮއި ހޯދަން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް އަޒްހާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ 3،000 މީހުންގެ ސޮއި ހޯދުމުން ސިޔާސީ ޕާޓީއެއް އުފެއްދޭނެ ކަމަށެވެ.

އަދި އެ ގާނޫނަށް އަމަލު ކުރަން ފަށާ އިރު އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން 3،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް އެ އަދަދަށް މީހުން ހަމަކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

އެ ގާނޫނުގެ ދަށުން 20،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެ ޕާޓީތަކުގެ އިދާރީ އޮފީހާއި އެ ޕާޓީތަކުގެ ހަރަކާތްތައް ހިންގުމަށް 1،000 އަކަފޫޓުގެ އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ސަރުކާރުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.

ބިލު ހުށަހެޅުއްވި މެމްބަރާ ހަވާލާދީ ބިލްގައި ބުނެފައި ވަނީ، އެ ބިލު ހުށަހެޅުއްވުމުގެ ބޭނުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ބައެއް މަފްހޫމްތަކަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 16 ވަނަ މާއްދާއާ ހިލާފުވާ ކަންކަން ކަމުގައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ބެލި މައްސަލައެއްގައި ކަނޑައަޅުއްވާފައި ވާތީ އެ ގަޒިއްޔާގައި ފާހަގަކޮށްފައިވާ ނުކުތާތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ އިސްލާހުތައް ގެނައުމަށް ކަމަށެވެ.