އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާ ކުރިމަތިލައްވައިފި އެވެ.
ހަމްޒާ ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް އެ މަގާމަށް ކުރިމަތިލެއްވި ސަބަބާ ބެހޭ ތަފްސީލެއް ފަހުން ދެއްވާނެ ކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ.

އެމްޑީޕީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އާ ދައުރަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫލުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައްވާފައިވާ އިރު، ޕާލަމެންޓްރީ ގްރޫޕުގެ މިހާރުގެ ރައީސް ހުޅުހެންވޭރު ދާއިރާގެ މޫސާ މަނިކު [ރީކޯ މޫސަ] ވެސް ހުންނެވީ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ނިންމަވައިގެން ކަމަށެވެ. އަދި މޫސަ އެ މަގާމަށް ކުރިމަތިލައްވާފައިވާކަން އޭނާ ދޮގު ނުކުރައްވައި ވިދާޅުވީ، މޫސައާ ގުޅައިގެން އެ މައުލޫމާތު އޮޅުން ފިލުވުމަށެވެ.

ނަމަވެސް މޫސާ ފޯން ނުނަންގަވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. މޫސަ މިވަގުތު ހުންނެވީ ރައީސް އަރިހު މޮރިޝަސްގައި ކަމުން މޫސާ މަނިކާ ގުޅޭ ގޮތް ވަނީ ނުވެފަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ހިމެނޭ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައްވާފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މަގާމުތަކުގެ ތެރޭގައި ހިމެނެނީ، ރައީސާއި ދެ ނާއިބު ރައީސުންނާއި އަމީން އާއްމާއި އަމީންއާއްމުގެ ނާއިބުގެ އިތުރުން ފަސް ވިޕުންނެވެ.