ކޯސްޓަ ރީކާގެ ޖަލަކަށް ކޮކެއިން އާއި ކެނަބިސް އެތެރެކުރަން އުޅުނު ކޮތަރެއް އަތުލައިގަނެފި އެވެ.

ކޯސްޓާ ރީކާގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ، ސެން ރަފައެލް ޑި އަލައުއޭލާގައި ހުންނަ މީޑިއަމް ސެކިއުރިޓީ ޖަލެއް ކަމަށްވާ ލަ ރިފޯމާ ޖަލަށް ތިރިކުރަނިކޮށް އަތުލައިގަތް އެ ކޮތަރުގެ އަތުން މަސްތުވާތަކެތި ފެނިފައި ވަނީ، އޭތީގެ މޭދަށުގައި ހަރުކޮށްފައި އިން ކުޑަ ދަބަހެއްގެ ތެރެއިންނެވެ.

ކޯސްޓަ ރީކާގެ ނޫހަކާ ހަވާލާދީ ސުކައި ނިއުސްގައި ބުނެފައި ވަނީ، އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 14 ގްރާމް ހުރި އިރު، އެ އެއްޗެހީގެ މަގުމަތީ އަގު ގާތްގަނޑަކަށް 281 ޑޮލަރަށް އަރާނެ ކަމަށެވެ. ޖަލު އޮފިސަރުން ބުނާ ގޮތުން، އެ ކޮތަރަކީ ޖަލުގެ ގައިދީއަކަށް އެއްޗެހި ފޯރުކޮށްދިނުމަށް ތަމްރީންކޮށްފައިވާ ކޮތަރެކެވެ.

އެ މައްސަލާގައި ކޮސްޓާ ރިކާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޕީސް އިން ވަނީ އެ ކޮތަރަށް "ޑްރަގް ކޮތަރު"ގެ ނަމުން ނަންދީ، ހައްޔަރުކުރި ތާރީހާ އެކު ފޮޓޯ އާއްމުކޮށްފަ އެވެ. އަދި ހައްޔަރުކޮށްފައިވަނީ ޒުލެއްގެ ކޮއްޓެއްގެ ތެރޭގަ އެވެ.

ޕެނިޓެންޝަރީ ޕޮލިހުގެ ޑިރެކްޓަރު ޕައުލް ބާޓޮޒީ ވިދާޅުވި ގޮތުގައި، އެ މައްސަލައިން ދައްކުވައިދެނީ އިތުރަށް ސަމާލުވާން ޖެހިފައިވާ ކަމަށެވެ.

"ޖަލަށް މަސްތުވާތަކެތި އެތެރެކުރުމަށް ކޮތަރު ބޭނުންކުރުމަކީ އާކަމެއް ނޫން. މީގެ ކުރިން ޓްރެފިކް ކުރާ މީހުން ޖަލުތަކަށް މަސްތުވާތަކެތި ވެއްދުމަށް ކުއްތާ އަދި ބުޅާ ބޭނުންކޮށްފައި އެބަހުރި. މިހާރު ބޭރުން އެއްޗެހި އެތެރެކުރުމަށް އެ ބޭނުންކުރަނީ ކޮތަރު،" އޭނާ ވިދާޅުވި އެވެ.

މިއީ ކޯސްޓާ ރިކާގެ ޖަލަކަށް ކޮތަރެއް ބޭނުންކޮށްގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުރަތަމަ ފަހަރު ނަމަވެސް، އެފަދަ މައްސަލައެއް 2013 ވަނަ އާޖެންޓީނާ އިން އަދި 2011 ވަނަ ކޮލަންބިއާގައި ރިކޯޑް ކުރެވިފައިވެ އެވެ.