15 Aug 2015, 13:17
ހުޅުމާލެ ޔޫތު ސިޓީގައި ރޭ ހުޅުވި، ސެންޓްރަލް ޕާކް އެއްކޮށް ފުރިހަމަކޮށް ނިންމާލުމަށް އެންމެ މަދުވެގެން ވެސް ދެތިން އަހަރު ނަގާނެ ކަމަށް ހައުސިން ޑިވެލޮޕުމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފި އެވެ.
"ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ރޭ ވިދާޅުވީ "ޕާކް އެއްކޮށް" ނުނިމެނީސް އެތަން ހުޅުވީ އެތަނުގެ ބޭނުން އާންމުންނަށް ހިފުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
"އެތަނަށް [ސެންޓުރަލް ޕާކަށް] އަންނަންޖެހޭ ސިވިކް އިމާރާތްތަކެއް ވެސް އެބަހުރި. މިހާރު ޕްލޭން ކުރެވިފައި އޮތް ގޮތުން ވެއްޖިއްޔާ ކޮންވެންޝަން ފެސިލިޓީސް އެބަހުރި އަދި އިސްލާމިކް ސެންޓަރެއް އެބައޮތް. މި ހުރިހާ ތަނަކާ އެއްކޮށް ފުރިހަމަ ސެންޓްރަލް ޕާކެއް އައުމަށް ދެތިން އަހަރެއް ނުވަތަ އެއަށް ވުރެ ލަސް ވެސް ވެދާނެ،" ސައިމަން ވިދާޅުވި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން "ސަން" އަށް ރޭ އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަސައްކަތް ފެށި ހުޅުމާލެ ޔޫތު ސިޓީ ސެންޓުރަލް ޕާކް ހުޅުވުމަށް މީގެ ކުރިން ނިންމާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެވެ.
އެހެންނަމަވެސް ސެންޓްރަލް ޕާކް"ގެ މަސައްކަތް ލަސްވެ ޕާކު ހުޅުވުން ފަސްވެގެން ދިޔައީ ޕާކުގެ ކުރެހުމަށް އައި ކުޑަ ބަދަލަކާ ގުޅިގެން ކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން ބުނެފަ އެވެ. ހަމައެއާ އެކު މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ލިބުން ދަތިވުމަކީ ވެސް މަސައްކަތް ލަސްވެގެން ދިޔަ ސަބަބެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ މީގެކުރިން ބުނެފަ އެވެ.
ސައިމަން ވިދާޅުވީ ހުޅުމާލެ ސެންޓްރަލް ޕާކު ތަރައްގީ ކުރެވިގެން ދާނީ އާންމުންނަށް ހިތްގައިމު ތަނެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ޕާކުގައި ކޮންވެންޝަން ސެންޓަރެއްގެ އިތުރުން އިސްލާމިކު ސެންޓަރެއް ވެސް ގާއިމު ކުރެވިގެންދާނެ ކަމަށެވެ.
އަށް ހެކްޓަރުގެ ބޮޑު މިނުގެ ސެންޓްރަލް ޕާކް ރޭ ހުޅުވިގެން ދިޔައީ ހަވާއެރުވުމާއި އަލިފާނުގެ ކުޅިވަރުތަކާ އެކު އެވެ. އަދި ކުޑަކުދީންތަކެއްގެ ސްކޭޓް ދުއްވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިޔަ އެވެ.