15 Aug 2015, 11:48
އިންޑިއާ އަކީ ދިވެހިރާއްޖޭގެ ތަރައްގީއާއި ކުރިއެރުމުގެ އެންމެ މުހިއްމު ބައިވެރިޔާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އިންޑިއާގެ މިނިވަން ދުވަހާ ގުޅުވައިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް އެކުވެރި ގުޅުމަކީ އެ ޕާޓީއާ ދިވެހި ރައްޔިތުން ނުހަނު އަގުވަޒަން ކުރާ ގުޅުމެއް ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ އެ ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ގޮތަށް ތާއަބަދު އެގޮތުގައި އޮތުމަކީ އެ ޕާޓީގެ އެދުމެއް ކަމަށެވެ.
އެމްޑީޕީން ބުނީ އިންޑިއާގެ މިނިވަންކަމުގެ ބަޠަލުންނާއި ރައްޔިތުން އެ ގައުމުގައި ލޭ އޮހޮރުމަކާނުލައި، ކެތްތެރިކަން އިސްކޮށް މިނިވަންކަމަށް ޓަކައި ކުރި މަސައްކަތާއި ޑިމޮކްރެސީ އާއި ގާނޫނުގެ ވެރިކަން ގާއިމުކުރުން ބަލައިގެންފައިވާ މިންވަރަކީ މުޅި ދުނިޔެއަށް ދައްކާފައިވާ މިސާލެއް ކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ އިންޑިއާގެ މިނިވަންކަމާއި ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި އެ ގައުމު އޮތް އޮތުމަކީ މުޅި ދުނިޔެއަށް އުއްމީދު އާލާވެގެންދާނެ ކަމެއް ކަމަށެވެ.
އިންޑިއާގެ މިނިވަން ދުވަހާ ގުޅުވައިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިންޑިއާގެ ކޮންމެ ރައްޔިތަކުމެ އެ ގައުމުގެ ތާރީޚަށް އެނބުރި ބަލާއިރު ފަޚުރުވެރި ތާރީޚެއް ފެންނަން އޮންނަ ކަމަށާއި އަދި އެ ގައުމުގެ މުސްތަގުބަލު ވެސް ފެންނަން އޮތީ ކުރިއެރުމާއި އުއްމީދުތަކުގެ މަތީގައި ކަމަށެވެ.