15 Aug 2015, 11:58
ކަނޑުގައި ދުއްވާ އޮޑިދޯނި ފަހަރާއި އިންޑަސްޓްރީތަކުގައި ބޭނުންކުރާ ދަގަނޑު ފަދަ ބާވަތްތަކުގެ ރައްކާތެރިކަމަށް ބޭނުންކުރާ އެންޓިފޯލިން އަށް ހާއްސަ ޕްރޮމޯޝަނެއް އެމްޓީސީސީ އިން މިއަދު ފަށައިފި އެވެ.
އެ ޕްރޮމޯޝަނަކީ "ސިގްމާ ވީކް 2015"ގެ ނަމުގައި، އެމްޓީސީސީ ކަށަވަރު ޝޯރޫމުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އެ ޕްރޮމޯޝަންގެ ދަށުން ސިގްމާ މެރިން ޕެއިންޓާއި އެންޓިފޯލިން ގަންނަ ފަރާތްތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ ކަމަށެވެ.
ހަލީމް ވިދާޅުވީ ޕްރޮމޯޝަންގެ މައިގަނޑު ބޭނުމަކީ ސިގްމާ ކޯޓިންގްސް އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތުތައް އޮޑިވެރިންނާއި ކުންފުނިތައް އަދި އިންޑަސްޓްރިއަލް ސައިޓްތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކާ ހިއްސާކޮށް އެ މައުލޫމާތުތައް ފޯރުކޮށްދިނުން ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ވަރަށް އިސްކަމެއް ދޭކަމެއް މިއީ އަޅުގަނޑުމެންގެ ކުންފުނިން ވިއްކާ ޕްރޮޑަކްޓްތަކުގެ އެންމެ ފުރިހަމަ ސައްހަ މައުލޫމާތުތައް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ. އެގޮތުން މިހާރު ވެސް މައުލޫމާތު ދިނުމުގެ ކަންކަން ކުރިއަށްދޭ،" ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ އެމްޓީސީސީއަކީ އަބަދު ވެސް ދިވެހި ރައްޔިތުންނާ ވީހާ ވެސް ކައިރިން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އެގޮތުން ހަމައެކަނި އިންޖީނު ވިއްކާލައިގެން ތިބުމުގެ ބަދަލުގައި އޮޑިވެރިން ދުއްވާ އޮޑިދޯނި ފަހަރަކީ ވެސް ގިނަދުވަހު ބޭނުންކުރެވޭ ރައްކާތެރި އުޅަނދުތަކަކަށް ހެދުމަށް އެ ކުންފުނިން އެހީވާނެ ކަމަށެވެ.
ސިގްމާ މެރިން ކޯޓިންގްސް އަކީ މުޅި ދުނިޔޭގައި ކަނޑުގައިދުއްވާ އުޅަނދުފަހަރުގައި ބޭނުންކުރާ އެންމެ ފެންވަރު ރަނގަޅު އެއް ދަވާދެވެ. ސިގްމާ މެރިން ކޯޓިންގްސްގެ އެހީގައި ކަނޑުގައިދުއްވާ އުޅަނދުފަހަރުގައި ފެއްސާއި ގާފޮރި ފަދަ އޮޑިދޯނިފަހަރަށް ގެއްލުންދޭ ތަކެތިން ރައްކާތެރިކަން ލިއްބައިދެ އެވެ.
ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.