15 Aug 2015, 11:18
ފަގީރުން ފަގީރުކަމުން އަރައިގަންނަން ޖެހޭ ކަމަށާއި އެހެން ކަމުން މިއަދުގެ ސަރުކާރުގެ ހުރިހާ ޕްރޮގްރާމްތަކެއް ހާއްސަކުރެވިފައި ވަނީ ފަގީރުންނަށް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެއްދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ 69 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ އިންޑިއާ އިން ފަގީރުކަން ނައްތާލުމަކީ އެންމެ ބޮޑު އެއް އަމާޒު ކަމަށާއި އެހެން ކަމުން އަދުގެ ސަރުކާރުން ހުރިހާ ޕްރޮގްރާމެއް ވެސް ހާއްސަކުރެވިފައި ވަނީ ފަގީރުންނަށެވެ.

އިންޑިއާގެ 69 ވަނަ މިނިވަންދުވަހުގެ މުނާއްސަބަތުގައި ގައުމާ މުހާތަބުކުރައްވާ ބޮޑުވަޒީރު މޯދީ ވާހަކަފުޅުދައްކަވަނީ -- ފޮޓޯ -- އޭޕީ
އިންޑިއާގެ މިނިވަންދުވަހު މޯދީ ދެއްވި ސްޕީޗުގައި ވަނީ ތަފާތު ގިނަ ދާއިރާތަކަށް އަލި އަޅުއްވާލައްވައި ވާހަކަފުޅުދައްކަވައިފަ އެވެ.
އެގޮތުން މޯދީގެ ސަރުކާރުން ފަށާފައިވާ އެންމެ ބޮޑު އެއް ކެމްޕެއިން ކަމަށްވާ ސްކޫލުތަކުގަޔާއި އެކި ހިސާބުތަކުގައި ފާހާނާ ގާއިމް ކުރުން ކާމިޔާބުކަން ފާހަގަކުރައްވާ މޯދީ ވިދާޅުވީ ސަރުކާރަށް އެއް އަހަރުދު ވަސް ވީއިރު 425000 ފާހާނާ ގާއިމް ކުރެވިފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 262000 ފާހާނާ ގާއިމްކުރެވިފައި ވަނީ ސުކޫލުތަކުގައި ކަމަށްވެސް މޯދީ ވިދާޅުވި އެވެ.

އިންޑިއާގެ 69 ވަނަ މިނިވަންދުވަހުގެ މުނާއްސަބަތުގައި ބޭއްވުނު ހާއްސަ ދަރުބާރު -- ފޮޓޯ -- އޭޕީ
މޯދީގެ ސަރުކާރަށް ބަދަލުވިފަހުން އިންޑިއާއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ. އޭގެތެރޭގައި ގައުމުން ކަޅުފައިސާ ނައްތާލުމަށް ހިންގި ހާއްސަ ޕްރޮގްރާމާއި ކޮރަޕްޝަނުން ގައުމު ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ވާހަކަ މޯދީ ވަނީ ފާހަގަކުރައްވާފަ އެވެ.
ސަރުކާރަށް އައިފަހުން 1800 ކޮރަޕްޝަން މައްސަލަ ރެޖިސްޓާ ކުރެވި ބަލަމުންދާ ކަމަށް ވެސް މޯދީ ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާގެ 69 ވަނަ މިނިވަންދުވަހުގެ މުނާއްސަބަތުގައި ބޭއްވުނު ހާއްސަ ދަރުބާރުގެ ތެރެއިން-- ފޮޓޯ -- އޭޕީ
އިންޑިއާގެ މިނިވަން ދުވަހުގެ މުނާއްސަބަތުގައި މޯދީ ދެއްވި ހާއްސަ ބަސްދީގަތުން އަޑުއެހުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އިންޑިއާގެ އެކި ސަރަހައްދުތަކަށް ޖަމާވެފަ އެވެ.