15 Aug 2015, 13:21
ލިބޭ ފަހި ފުރުސަތުތައް ބޭނުން ކުރުމަށް ދިވެހި ޒުވާނުންނަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އަށް ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދައިދިން ހަސަން ސާއިދު ގޮވާލައިފި އެވެ.
ސާއިދު މިގޮތަށް ގޮވާލީ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ހުޅުމާލޭ ޔޫތު ސިޓީގެ ސެންޓަރަލް ޕާކް ހުޅުއްވައި ދެއްވުމަށާއި ބާބިކިޔު އޭރިއާ ހުޅުވައި ދެއްވުމަށް ރައީސްލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގެން ހުޅުމާލޭ ބާބިކިޔު އޭރިއާގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ. ސާއިދު ބުނީ ސަރުކާރުންގެ ފަރާތުން ޒުވާނުންގެ ކުރިއެރުމަށް ޓަކައި ކުރަމުން ގެންދާ މަސައްކަތް އޭނާ ފާހަގަކޮށް ޝުކުރުއަދާ ކުރަން ބޭނުންވާ ކަމަށެވެ.
"ދިވެހި ޒުވާނުންގެ ކުރިއެރުމަށް ރައީސް ޔާމީން އާއި އަދި ނައިބު ރައީސް އަދީބު ކުރައްވަމުން ގެންދަވާ މަސައްކަތް އަޅުގަނޑު ފާހަގަކޮށް ޝުކުރުއަދާ ކުރަން. ދިވެހި ޒުވަނުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކުރިއަށް ދިއުމަށް ޓަކައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފާށޭ،" ރާއްޖޭގެ ޒުވާން މެޑަލިސްޓް ހަސަން ސާއިދު ބުންޏެވެ.

ޒުވާނުންގެ ދުވަހާ ގުޅިގެން ހުޅުމާލެ ޔޫތު ސިޓީގައި ސެންޓަރލް ޕާކް ސާއިދު ހުޅުއްވައި ދެއްވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ރޭ ސެންޓަރަލް ޕާކް ހުޅުވައި ދެއްވީ ރައީސްގެ މަންދޫބެއްގެ ގޮތުން ބައިވެރިވެވި ސާއިދެވެ.