13 Mar 2011, 12:32
މިދިޔަ ހުކުރު ދުވަހު ޖަޕާނަށް އައި ބިން ހެލުމާއި ސުނާމީގެ ސަބަބުން ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން، ފައިސާގެ އެހީއެހީ ދޭން ގަސްދުކޮށްފައި ނުވާ ކަމަށް ރާއްޖޭގެ ހާރިޖިއްޔާ ހިންގެވުމާ ހަވާލުވެ ހުންނެވި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
"ޖަޕާނަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ސަރުކާރުން ވަނީ ހަމްދަރުދީ ފާޅުކޮށް އަދި ދަޅު މަހުގެ ކޮންޓެއިނާއެއް ޖަޕާނަށް ފޮނުވަން ނިންމާފައި. ދަޅުމަހުގެ އެ ކޮންޓެއިނާ ފޮނުވަން މިހާރު އަޅުގަނޑުވާނީ އަންގާފައި، އެއީ ހަމަ ރަމްޒީ އެހީއެއް. އޭގެ އިތުރަށް ފައިސާގެ އެހީއެއް ސަރުކާރުން ދޭކަށް ގަސްދުކޮށްފައެއް ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ސަރުކާރުން ފައިސާގެ އެހީއެއް ދޭން ނިންމާފައި ނުވި ނަމަވެސް ޖަޕާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދޭން ފައިސާ ހޯދަން ދިވެހިން ފަންޑް ރައިސް ކުރުމަށް ސަރުކާރު ތާއީދު ކުރާނެ ކަމަށެވެ.
"އެންޖީއޯސްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން އެކަހަލަ ހަރަކާތްތައް ހިންގައި ފައިސާ އިން އެހީވުމުގެ ވިސްނުމެއް ސަރުކާރުގެ އޮތީ. އަޅުގަނޑު އަދި އެކަމަކަށް ގޮވައެއް ނުލަން އެކަމަކު މިހާރު ވެސް އެފަދަ ކަމެއް ބަޔަކު ކުރާ ނަމަ ސަރުކާރުން ހުރިހާ އެއްބާރުލުމެއް ދޭނެ،" އަސްލަމް ވިދާޅުވި އެވެ.
ސަރުކާރުން ވަނީ 1800 ކޭސް ދަޅުމަސް ހިމެނޭ ފެލިވަރު މަހުގެ ކޮންޓައިނާއެއް ޖަޕާނަށް ހަދިޔާ ކުރަން ނިންމި ކަމަށް އިއްޔެ އިއުލާންކޮށްފަ އެވެ. ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާގެ އަގުހުރި އެ އެހީއާ ބެހޭ ގޮތުން އަސްލަމް ވިދާޅުވީ ދަޅުމަސް ދޭން ނިންމީ ރާއްޖޭގައި އުފައްދާ އެއްޗަކުން ޖަޕާނަށް ހަދިޔާ ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި ވިދާޅުވީ އިމްޕޯޓް ކުރާ އެއްޗެއް ރާއްޖޭން ދޭ ނަމަ ރާއްޖެ އިން އެފަދަ އެއްޗެއް ދިނުމަށް ވުރެ ޖަޕާނަށް ފަސޭހަވާނީ އެއެއްޗެއް އުފައްދާ ތަނަކުން ގަންނަން ކަމަށެވެ.
"އެހެންވީމާ އަޅުގަނޑަށް ވިސްނުނީ މިވަގުތު ރަނގަޅުވާނީ ރާއްޖޭގައި އުފައްދާ އެއްޗަކުން ހަދިޔާ ކުރުން ކަމަށް،" މިސްޓަރު ވިދާޅުވި އެވެ.
ޖަޕާނަކީ، ރާއްޖެއާ ވަރަށް ގާތް ކަމެއް ބާއްވާ އަދި ރާއްޖޭގެ ތަރައްގީގެ ވަރަށް ބޮޑު ބައެއް ހިއްސާކުރާ ގައުމެކެވެ. ރާއްޖެ އަށް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގައި އެންމެ ބޮޑަށް އެހީތެރިވި އެއް ގައުމަކީ ވެސް ޖަޕާނެވެ.
ޖަޕާނަށް ބިންހެލުން އައިސް ސުނާމީއެއް އެރުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު މަރުވެ، ދެ ލައްކަ އަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފަ އެވެ.