ޓޯކިޔޯ (އޮގަސްޓް 15) : ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އަވަށްޓެރި ޗައިނާއާއި ކޮރެޔާގެ ރައްޔިތުންނާ ދެކޮޅަށް ޖަޕާނުން ހިންގި އިންސާނިއްޔާތާ ޚިލާފު ޖަރީމާތަކަށް އެގައުމުގެ ބޮޑުވަޒީރު ޝިންޒޫ އަބޭ މަޢާފަށް އެދިވަޑައިގެންފި އެވެ.

ދެވަނަ ބޮޑުހަނގުރާމައިގާ ޖަޕާނުން އަމާންދީ ހަތިޔާރު ބެހެއްޓިތާ 70 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ނެރުއްވި ބަޔާނެއްގައި އަބޭ ވިދާޅުވީ އަވަށްޓެރި ގައުމުތަކާ ދެކޮޅަށް ޖަޕާނުން ހިންގި އަމަލުތަކާ މެދު ހިތާމަކުރާ ކަމުގަ އެވެ. ޖަޕާނުގެ އެހެން ސަރުކާރުތަކުން ވެސް ވަނީ އެގައުމުގެ މިއަނިޔާވެރި އަމަލުތަކަށް މަޢާފަށް އެދިފަ އެވެ.

ނަމަވެސް ޗައިނާއާއި ދެ ކޮރެޔާ އިން ވެސް ބުނަނީ އިޚްލާސްތެރިކަމުގައި ޖަޕާނުން މަޢާފަށް ނޭދޭކަމަށާއި ޖަޕާން މިހާރު މަޢާފަށް އެދިފައިވާ މިންވަރު ނުފުދޭކަމުގަ އެވެ. އަދި ޖަޕާނުން ހިންގާފައިވާ އަނިޔާވެރި އަމަލުތަކަށް މާލީ ބަދަލުދިނުމުން ނޫނީ އެއަނިޔާތަައް ތަހައްމަލްކުރާ އާއިލާތަކަށް ހިތްހަމަޖެހުން ނުލިބޭނެ ކަމަށް ވެސް ޗައިނާއާއި ދެ ކޮރެޔާ އިން ބުނެ އެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަޕާން ސިފައިން ޗައިނާއާއި ދެކޮރެޔާއާ ދެކޮޅަށް ހިންގި އަނިޔާތަކުގެ ތެރޭގައި އެގައުމުތަކުގެ އެތަށް ހާސް އަންހެނުންނެއް ޖަޕާން ސިފައިންގެ ޖިންސީ ބޭނުންތަކަށް ނަހަމަގޮތުގައި ގެންގުޅެ ރޭޕްކޮށްފައިވާ ޖަރީމާތައްފަދަ ބޮޑެތި ޖަރީމާތައް ހިމެނެ އެވެ. މިހުރިހާ އަންހެނުންގެ ވެސް އާއިލީ ދިރިއުޅުންވަނީ ގެއްލިފަ އެވެ. އަދި އޭގެތެރެއިން ގިނަ އަންހެނުން ބަލިތަކުގެ ޝިކާރައަކަށްވެ ޅައުމުރުގައި ވަނީ މަރުވެގެން ގޮސްފަ އެވެ.

ދެވަނަ ބޮޑުހަނގުރާމައިގާ ޖަޕާނުގެ ރައްޔިތުންނަށް ވެސް ވަނީ ގައުމެއްގެ ރައްޔިތަކަށް މިހާތަނަށް ނުލިބޭފަދަ އަނިޔާތައް ލިބިފަ އެވެ. އެއީ އެމެރިކާ އިން ޖަޕާނުގެ ހިރޮޝީމާއާއި ނަގަޒާކީ އަށް އެޓޮމް ބޮން އެޅުމެވެ. މިޖަރީމާގައި ޖަޕާނުގެ އެތައް ލައްކަ ބަޔަކު މަރުވެގެން ދިޔަ އެވެ. މި ޖަރީމާއަށް މައާފަށް އެދުމަށް އެމެރިކާ ދަނީ ފަސްޖެހެމުންނެވެ.

(ނޫސްއެޖެންސީތައް)